ނަސްރުގެ ދުވަހުގެ ހަނދާންތައް އާކުރުމަށް ސިފައިން ބާއްވާ ޚާއްޞަ މައުރަޒު ހއ. ދިއްދޫގައި ފަށައިފި
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި އަސްކަރިއްޔާ (އެމްއެންޑީއެފް) އިން އިންތިޒާމުކޮށްގެން ބާއްވާ ޚާއްޞަ މައުރަޒު ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ރަސްމީކޮށް ހުޅުވައިފިއެވެ. މި މައުރަޒު ހުޅުއްވައިދެއްވީ ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާއީލް ޝަރީފެވެ.
ހއ. ދިއްދޫއަކީ 1988 ނޮވެންބަރު 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާގައި ގައުމުގެ ދިފާއުގައި ހަނގުރާމަކުރައްވަނިކޮށް ޝަހީދުވެވަޑައިގެންނެވި، އެ ރަށު ޗާންދަނީއާގެ، ޝަހީދު އަލްމަރްޙޫމް އުމަރު އަޙްމަދު ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވާ ގޮތުގައި، އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މައުރަޒު ޚާއްޞަކޮށްފައިވަނީ ތިނެއް ނޮވެންބަރުގެ އުދުވާނީ ހަމަލާގައި ޝަހީދުވި ބަތަލުންގެ ޒިކުރާ އާކުރުމަށާއި، އެ ދުވަހު ދިވެހީންނަށް ލިބުނު މަތިވެރި ނަސްރާއި ކާމިޔާބީ ދައްކުވައިދިނުމަށެވެ. އެގޮތުން، އެ ދުވަހުގެ ހަމަލާތައް ފެށުނު ވަގުތުން ފެށިގެން ދިވެހީންނަށް ނަސްރު ލިބުމާ ހަމައަށް ހިނގައިދިޔަ ހާދިސާތައް ތަރުތީބުން (ޓައިމްލައިނެއްގެ ގޮތުގައި) ވަޒަންކޮށްލެވޭނެހެން، ތާރީޚީ ފޮޓޯތަކާއި، ކުރެހުންތަކާއި، އޯޑިއޯ އަދި ވީޑިއޯ މަންޒަރުތަކުގެ އިތުރުން މުހިންމު ލިޔެކިޔުންތައް މި މައުރަޒުގައި ވަނީ ހިމަނާފައެވެ.
މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ މި މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލާފައިވަނީ ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.
މި މައުރަޒުގެ އިތުރުން، މިއަދު ހަވީރު 16:00 ގައި ހއ. ދިއްދޫ އިސްލާމީ މަރުކަޒު ސަރަޙައްދުގައި ސިފައިންގެ ޚާއްޞަ މިލިޓަރީ ޑިސްޕްލޭއަކާއި އާއިލީ ހަވީރެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ސިފައިން ވިދާޅުވި ގޮތުގައި، މިފަދަ ހަރަކާތްތަކެއް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި ޝަހީދުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ހަނދާންތައް އާކުރުމާއެކު، ދިވެހީންގެ ހިތްތަކުގައި އޮތް ގައުމީ ފަޚުރާއި މުޖުތަމަޢުގެ އެއްބައިވަންތަކަމުގެ ރޫޙު އިތުރަށް އާލާކޮށް ދިރުވުމެވެ.
ހއ. ދިއްދޫއަށްފަހު، ނަސްރުގެ ދުވަހުގެ މި ޚާއްޞަ މައުރަޒު މި ހިނގާ ނޮވެންބަރު މަހުގެ 20 އަދި 21 ވަނަ ދުވަހު ހއ. ބާރަށުގައި ބޭއްވުމަށް ވެސް އެމްއެންޑީއެފްއިން ވަނީ ނިންމާފައެވެ. ހއ. ބާރަށަކީ ތިނެއް ނޮވެންބަރުގެ އުދުވާނީ ހަމަލާގައި ޝަހީދުވި ބަތަލު، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.
