Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

"ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު" މަޖިލީހަށް؛ އަބުރާބެހުން މަދަނީ ކުށަކަށް ހަދައި 500,000 ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ގޮތް ހަމަޖައްސަނީ

"ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު" މަޖިލީހަށް؛ އަބުރާބެހުން މަދަނީ ކުށަކަށް ހަދައި 500,000 ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ގޮތް ހަމަޖައްސަނީ
Photo: Mihaaru
ތަފްޞީލް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތްކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް "ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ ޖަލްސާއަށް މިއަދު ވަނީ އެޖެންޑާކޮށްފައެވެ.


މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ މީހުންގެ އަބުރު ރައްކާތެރިކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައި ހުށަހެޅުނު މުހިންމު ބިލެއް ކަމަށެވެ. އަދި ވަކި މީހަކާ މެދު ދޮގު ވާހަކަ ފެތުރުމާއި ޝާއިޢުކުރުމަކީ އަބުރަށް އަރައިގަތުން ކަމަށާއި، އެއީ އިސްލާމްދީނުގައި ވެސް ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ދޮގު ބަސްތައް ފެތުރުމުގެ ސަބަބުން މުޖުތަމަޢުގެ ހަމަބުއްދި ހުރި މީހުންގެ މެދުގައި އެ މީހަކާ މެދު ދެކޭ ގޮތް ބަދަލުވެގެންދާކަން ފާހަގަކުރައްވަމުން، ރައީސް މުޢިއްޒު ވިދާޅުވީ މި ބިލުގައި އަބުރަށް އަރައިގަނެވޭ ގޮތްތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން، އެޓާނީ ޖެނެރަލް އަހުމަދު އުޝާމްވެސް ވަނީ އަބުރުގެ ގާނޫނުގެ ބިލު މަޖިލީހުގެ މިއަހަރުގެ މި ދައުރަށް ހުށަހަޅުއްވަން މަސައްކަތް ކުރައްވާކަން ކުރިން ހާމަކުރައްވާފައެވެ.


ބިލުގެ މައިގަނޑު މަގުސަދާއި ގާނޫނު ހިންގާ ދާއިރާ

މި ބިލުގެ މައިގަނޑު މަގުސަދަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި މީހުންގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގާ ދެމެދު އިންސާފުވެރި ހަމަހަމަކަމެއް ގާއިމުކުރުމެވެ. އަދި މީހެއްގެ އަބުރަށް އުނިކަމެއް އަންނަ ހާލަތުގައި، ޝަރީއަތުގެ މަރުހަލާގެ ކުރިންނާއި ޝަރީއަތުގެ ތެރެއިން ހައްގު ހޯދައިދިނުމުގެ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.


މި ގާނޫނު ހިނގާނީ:

  • ފަރުދުންނާއި ގާނޫނީ ޝަހްސުތަކަށް
  • ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މީޑިއާތަކާއި އޮންލައިން ނޫސްތަކަށް
  • ސޯޝަލް މީޑިއާ ހިމެނޭގޮތަށް ހުރިހާ ޑިޖިޓަލް ޕްލެޓްފޯމްތަކަށް
  • ރާއްޖޭން ބޭރުގައި ކުރާ އަމަލަކުން ރާއްޖޭގައި މީހެއްގެ އަބުރަށް ގެއްލުން ލިބޭ ހާލަތްތަކަށް


އަބުރާބެހުމުގެ މިންގަނޑުތަކާއި ލިބޭ އިމްތިޔާޒުތައް

މި ބިލުގެ ދަށުން އަބުރާބެހުމަކީ ޖިނާއީ ކުށެއްގެ ބަދަލުގައި މަދަނީ ކުށެކެވެ. އަބުރާބެހުން ކަމުގައި ބެލެވޭނީ ބުނި ބަހަކީ ނުވަތަ ޝާއިއުކުރި މައުލޫމާތަކީ ދޮގަކަށް ވުމާއެކު، އެކަމުގެ ސަބަބުން އަނެކާގެ ގަދަރާއި އަބުރަށް އުނިކަން އައުމުންނެވެ. މީގެ ތެރޭގައި ވާހަކަދެއްކުމާއި، ލިޔެ ޝާއިއުކުރުމާއި، ކާޓޫން/ތަސްވީރު ކުރެހުމާއި، ބްރޯޑްކާސްޓްކުރުމާއި އިންޓަނެޓް މެދުވެރިކޮށް ފަތުރާ ވާހަކަތައް ހިމެނެއެވެ.

ނަމަވެސް، ހާމަކުރި މައުލޫމާތަކީ ފުރިހަމައަށް ތެދު ހަގީގަތަކަށްވުން ނުވަތަ ހަގީގަތުގެ މައްޗަށް ބިނާކޮށް ހެޔޮ ނިޔަތުގައި ފާޅުކޮށްފައިވާ ތެދުވެރި އަމިއްލަ ހިޔާލެއް ނުވަތަ ރައުޔަކަށްވާ ނަމަ އެއީ އަބުރާބެހުން ކަމަކަށް ނުބެލެވޭނެއެވެ.

އިމްތިޔާޒު ލިބޭ ހާލަތްތައް:

  1. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި މެންބަރަކު ދައްކަވާ ވާހަކަތައް
  2. ކޯޓެއް ނުވަތަ ޓްރައިބިއުނަލެއްގެ ޝަރީއަތުގެ މަޖިލީހެއްގައި ދެކެވޭ ވާހަކަތައް
  3. އެފަދަ މަޖިލިސްތަކުގައި ހިނގި ކަންކަން އުނިއިތުރެއް ނުގެނެސް ތެދުވެރިކަމާއެކު ހަބަރުގެ ގޮތުގައި ގެނެސްދިނުން
  4. ގާނޫނީ ބާރު ލިބިގެން ނެރޭ ތަހުގީގު ރިޕޯޓުތައް ހާމަކުރުން


ޝަރުއީ އިޖުރާއަތްތަކާއި ޖޫރިމަނާ/ބަދަލު ނަގައިދިނުން

ކޯޓަށް ދައުވާ ހުށަހެޅުމުގެ ކުރިން، އަބުރާބެހުނު ކަމަށް ތުހުމަތުވާ ފަރާތަށް ލިޔުމުން ނޯޓިސް ފޮނުވަންޖެހެއެވެ. އަދި އެ މައުލޫމާތު އަނބުރާ ގެނައުމާއި، އިސްލާހުކުރުމާއި، އާންމުކޮށް މައާފަށް އެދުމުގެ ފުރުސަތު އެ ފަރާތަށް ލިބިދެއެވެ. މިފަދަ އެއްބަސްވުމެއް ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް ޝަރުއީ އެއްބަސްވުމަކަށް ހެދިދާނެއެވެ. އަބުރާބެހުނު ފަރާތުން މައާފަށް އެދިފައިވާނަމަ ނުވަތަ އިސްލާހުކޮށްފައިވާނަމަ، އަދަބު ނުވަތަ ބަދަލުގެ މިންވަރު ލުއިކޮށްދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

  • ދައުވާ ކުރުމުގެ މުއްދަތު: އަބުރާބެހުމުގެ މައްސަލަތަކުގައި ދައުވާ އުފުލަންވާނީ 1 އަހަރު ދުވަހުގެ ތެރޭގައެވެ.
  • ޝަރީއަތް ނިންމާނެ މުއްދަތު: ކޯޓަށް މައްސަލަ ހުށަހަޅާތާ ގިނަވެގެން 6 މަސްދުވަހުގެ ތެރޭގައި ޝަރީއަތުން އެ މައްސަލައެއް ނިންމަންވާނެއެވެ.
  • މާލީ ބަދަލާއި އަދަބު: އަބުރާބެހުމުގެ ސަބަބުން ލިބޭ މާއްދީ ގެއްލުމުގެ އިތުރުން މައުނަވީ ގެއްލުމުގެ ބަދަލު ކޯޓަށް ނަގައިދެވިދާނެއެވެ. މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ބޮޑުވެގެންވެސް ނަގައިދެވޭނީ 500,000 (ފަސް ލައްކަ) ރުފިޔާއެވެ. އަދި އަދަބުގެ މިންވަރު އުޅޭނީ 50,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގައެވެ.


މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތައް ހަދާނީ ބަންޑާރަނައިބުގެ އޮފީހުންނެވެ. އަދި ގާނޫނަށް އަމަލުކުރަން ފެށާތާ 30 ދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ގެޒެޓްކުރަންޖެހޭނެއެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9We build digital futuresWebsites · Mobile apps · E-commerce · Digital marketing
  • Websites that convert
  • iOS & Android apps
  • E-commerce stores
  • SEO & digital marketing
☎ 777 3818Talk to us →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all