މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައިގިނަ އަންހެންކުދިން - ސަރުކާރުން މަގުފަހިކޮށްދެއްވާނެ: ރައީސް މުއިއްޒު
މާލެ، ދިވެހިރާއްޖެ: ބައިނަލްއަގުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި، މުސްތަގުބަލުގައި ގައުމު ހިންގާނެ ގާބިލު ލީޑަރުންގެ ގޮތުގައި އަންހެންކުދިންނާއި ޒުވާން އަންހެނުން ތައްޔާރުކުރުމަށްޓަކައި އެކަނބަލުންނަށް ބޭނުންވާ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެންކުދިންގެ ހައްގުތައް ހިމާޔަތްކޮށް، އެ ހައްގުތައް ފުރިހަމައަށް ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އެއްބާރުލުންދީ، އެކީގައި ސާބިތުވެ އޮންނާނެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ކަށަވަރުކޮށްދެއްވާފައެވެ..
"މިއަދު އަންހެން ދަރިން ބިނާކުރުމަށް ކުރާ އިންވެސްޓަކީ، ، އެންމެން ބައިވެރިވާ، އަދި ފާގަތި މުސްތަގުބަލަކަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓެއް،" – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު.
ސަރުކާރުގެ މުހިންމު އަމާޒުތައް:
ގާބިލުކަން އިތުރުކުރުން: އަންހެންކުދިންނާއި ޒުވާން އަންހެނުންގެ ގާބިލުކަން އެންމެ ފުރިހަމައަށް ބޭނުންކުރުމަށް މަގުފަހިކޮށްދިނުން
މުސްތަގުބަލުގެ ލީޑަރުން: ގައުމީ ތަރައްގީގައި މާނަހުރި ދައުރެއް އަދާކުރެވޭނެ ފަދަ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި އެކަނބަލުން ބައްޓަންކުރުން
ރައްކާތެރި މާހައުލެއް: އެހީތެރިކަން ލިބޭ، ރައްކާތެރި މާހައުލެއްގެ ތެރެއިން އެކަނބަލުންނަށް ފުރުސަތުތައް ފަހިކޮށްދޭ ސިޔާސަތުތައް ތަންފީޒުކުރުން
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އަންހެންކަބަލުންނަށްހުރި ގޮންޖެހުންތަކުން އަރައިގަނެ، އަމާޒުތައް ހާސިލުކުރެވޭނީ މުޅި މުޖުތަމައު ގުޅިގެން ކުރެވޭ މަސައްކަތުންނެވެ (whole-of-society approach). އެގޮތުން އާއިލާތަކާއި، މުޖުތަމައުގެ އިތުރުން ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަންހެނުންނާއި އަންހެންކުދިންނަށް ހުރި ނުރައްކާތަކާއި ގޮންޖެހުންތައް:
މިދުވަސް ފާހަގަކުރަމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި މުޖުތަމައުތަކުގައި އަންހެނުންނާއި އަންހެންކުދިންނަށް އަދިވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުންޖިންސީ އަދި ގެވެށި އަނިޔާ، އަންހެނުންނާއި އަންހެންކުދިންނަށް ކުރިމަތިވާ ޖިސްމާނީއަދި ނަފްސާނީ އަނިޔާތަކަކީ އެކަނބަލުންގެ ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު އެއް ބިރެވެ. ކުޑަކުދިންގެ ކައިވެނި (Child Marriage): އުމުރުން ނުފުރެނީސް ކުރެވޭ ކައިވެނިތަކުގެ ސަބަބުން އަންހެންކުދިންގެ ތައުލީމާއި، ސިއްހަތާއި، މުސްތަގުބަލުގެ ފުރުސަތުތައް ގެއްލިގެންދެއެވެ. އިންޓަނެޓާއި ސޯޝަލް މީޑިއާގެ ނުރައްކާތައް (Digital Violence): އޮންލައިންކޮށް ކުރިމަތިވާ ފުރައްސާރައާއި، ގޭންގްރޭޕް ނުވަތަ ބްލެކްމެއިލްކުރުން ފަދަ ޑިޖިޓަލް އަނިޔާތައް އިތުރުވަމުންދިއުން.ހަމައެފަދައިން ތައުލީމާއި ވަޒީފާގެ ހަމަހަމަކަން ނެތުންމިއީވެސްކަންބޮޑުވުން ހުރި ކަންކަމެވެ.ބައެއް ދާއިރާތަކުން އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ނުލިބުމާއި، ނިންމުންތައް ނިންމާ ފަދަ އިސް މަގާމުތަކުގައި އަންހެނުންގެ ހިއްސާ ކުޑަވުންހިމެނެއެވެ.
ބައިނަލްއަޤްވާމީ ގޮތުން އަންހެންކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހެވެ. މިއަހަރުގެ ދުވަހުގެ ޝިއާރަކީ "Ending child marriage and investing in girls' rights". (ކުޑަކުދިންގެ ކައިވެނި ނައްތާލުމާއި އަންހެންކުދިންގެ ހައްގުތަކަށް އިންވެސްޓްކުރުން) މިއެވެ.
