މިޞްރުގެ 5,000 އަހަރުވީ ބޮލުގެ ނާށިގަނޑުތަކުން ރަސްކަލުންގެ ބިރުވެރި ސިއްރެއް ފަޅާއަރައިފި
މިޞްރުގެ ޝާހީ ގަބުރުސްތާނުތަކުން ފެނުނު ބޮލުގެ ނާށިގަނޑުތަކެއް އަލުން ތަހުލީލު ކުރުމުން، އެ ޒަމާނުގައި އިންސާނުން ގުރުބާން ކުރި ކަމުގެ ހަރުދަނާ ހެކިތަކެއް ފެނިއްޖެއެވެ.
އަބީޑޯސް ސަރަހައްދުގައި ހުރި ފިރުއައުނުންގެ ގަބުރުސްތާނުތަކުން މީގެ ގަރުނެއްހާ ދުވަސް ކުރިން ކޮނެގެން ނެގި 46 ބޮލުގެ ނާށިގަނޑެއް ޒަމާނީ ފޮރެންސިކް ޓެކްނޮލޮޖީގެ އެހީގައި ދިރާސާކުރި ސައިންސްވެރިން ބުނާ ގޮތުގައި، އޭގެ ތެރެއިން 39 އިންސައްތަ ނާށިގަނޑުގައި ބޮލަށް ލިބިފައިވާ ނުރައްކާތެރި އަނިޔާގެ ނިޝާންތައް އެބަހުއްޓެވެ. މީގެ ކުރިން މިއީ ވެލީގެ ބަރުދަނުން ނުވަތަ ގުދުރަތީ ގޮތުން ނާށިގަނޑުތަކަށް ލިބިފައިވާ ގެއްލުންތަކެއް ކަމަށް ބެލެވުނު ނަމަވެސް، އާ ދިރާސާއިން ކަށަވަރުވެފައިވަނީ އެއީ ފުރާނައަށް ނުރައްކާވާ ފަދަ ބާރުގަދަ އެތިފަހަރުތަކަކުން ލިބިފައިވާ އަނިޔާތަކެއް ކަމަށެވެ.
މީލާދީން 3000 އަހަރު ކުރިން ބިނާކޮށްފައިވާ މި ޝާހީ ގަބުރުސްތާނުތަކުގެ ވަށައިގެންވާ ކުދި ގަބުރުތަކުގައި ވަޅުލާފައިވަނީ ރަސްކަލުންގެ އަރިސް ހާދިމުންނާއި، ފަންނުވެރިންނާއި، ގަނޑުވަރުގެ މުވައްޒަފުންނެވެ. ދިރާސާވެރިން ހާމަކުރާ ގޮތުގައި ރަސްކަލަކު އަވަހާރަވުމުން، އާޚިރަތުގެ ދުނިޔޭގައި އެ ރަސްކަލަކަށް ޚިދުމަތް ކުރުމަށްޓަކައި މިފަދަ ހާދިމުން މަރާލުމަށްފަހު ރަސްގެފާނާއެކު ވަޅުލުމުގެ އާދަ އޭރު އޮތެވެ. މި ގަބުރުތަކުން ފެނުނު ބައެއް ހިލަ ލިޔުންތަކުން އެނގޭ ގޮތުގައި، މީގެ ތެރޭގައި ގަނޑުވަރުގެ ދަށު ފަންތީގެ އަދި މެދު ފަންތީގެ އޮފިޝަލުންވެސް ހިމެނެއެވެ.
1920 ގެ އަހަރުތަކުގައި އިނގިރޭސިވިލާތުގެ މަޝްހޫރު އާކިއޮލޮޖިސްޓެއް ކަމަށްވާ ފްލިންޑާސް ޕެޓްރީ މި ސަރަހައްދު ކޮނުން އިރުވެސް، ރަސްކަލުންގެ ގަބުރު ވަށައިގެން އެހާ ގިނަ ބަޔަކު އެއްފަހަރާ މަރުވެފައި ތިބުމާ މެދު ޝައްކު އުފައްދާފައިވެއެވެ. އޭރު ގިނަ ކަށިތައް އަލުން ވަޅުލި ނަމަވެސް، ޕެޓްރީ ވަނީ މި ބޮލުގެ ނާށިގަނޑުތައް އިނގިރޭސިވިލާތަށް ފޮނުވައި ރައްކާކޮށްފައެވެ. މިއަދު ޒަމާނީ ބަޔޯއާކިއޮލޮޖީގެ އުސޫލުތައް ބޭނުންކޮށްގެން ކުރި މި ތަހުލީލުގެ ސަބަބުން، މިޞްރުގެ ފުރަތަމަ ދަރިކޮޅުގެ ރަސްކަލުންގެ ވެރިކަމުގައި ހިނގާފައިވާ އަނިޔާވެރި ދީނީ އަދި ސަގާފީ އާދަކާދަތައް ވަނީ ހާމަވެފައެވެ.