މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރާ ސަރުކާރު މުވައްޒަފުންގެ މުސާރައިން އުނިކުރަން ނިންމައިފި
އަފްޣާނިސްތާނުގެ ސަރުކާރުގެ މުވައްޒަފުން ދުވާލަކު ފަސް ވަގުތު މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުމަށް އެ ގައުމުގެ ވެރިކަން ކުރާ ތާލިބާން ސަރުކާރުން އަމުރުކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ތާލިބާނުންގެ އެންމެ މަތީ ވެރިޔާ ހިބަތުﷲ އަޚުންދްޒާދާގެ ދަށުން ނެރުނު މި އަމުރުގެ ދަށުން ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ޖަމާޢަތުގައި ނަމާދުކުރުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި މި އަމުރަށް އަމަލުނުކުރާ ފަރާތްތަކާ މެދު އަދަބީ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
މި އަމުރާ ޚިލާފުވާ މިންވަރަށާއި އެކަން ތަކުރާރުކުރާ މިންވަރަށް ބަލައި އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި މުސާރަ ހިފެހެއްޓުން ނުވަތަ މުސާރައިން އުނިކުރުމާއި، ވަޒީފާއިން ސަސްޕެންޑްކުރުން ހިމެނެއެވެ. މީގެއިތުރުން މަގާމު ދަށްކުރުމާއި ވަޒީފާއިން ވަކިކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސަރުކާރު މުވައްޒަފުން ޖަމާޢަތުގައި ނަމާދުކުރޭތޯ ބެލުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން މިސްކިތްތަކުގެ ހާޒިރީ ބަލަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެގޮތުން ހިރާތު ސަރަޙައްދުގައި، ކޮންމެ ދުވަހަކު ޖަމާޢަތުގެ ނަމާދަށް ނުދާ ފިރިހެނުން ޖޫރިމަނާކުރުމާއި "މިސްކިތުގެ ހާޒިރީ ލިސްޓް" ބަހާފައިވާ ކަމަށް އެ ސަރަޙައްދުގެ މަސްދަރުތަކުން މީގެ ކުރިން ވަނީ ރިޕޯޓްކޮށްފައެވެ.
