މިނިކާވަގާއެކު ފޮޓޯނަގަން ކޮށްޓަށް ވަން މީހަކަށް ހަމަލާދީ މަރާލައިފި!
އިންގްލޭންޑްގެ ޑޮންކާސްޓާ ކައިރީގައިވާ ޔޯކްޝަޔާ ވައިލްޑްލައިފް ޕާކުގައި މިނިކާވަގު އުޅުމަށް ހާއްސަކޮށްފައިވާ ކޮށްޓެއްގެ ތެރެއަށް ވަން މީހަކަށް ހަމަލާދީ މަރާލައިފިއެވެ. ސައުތު ޔޯކްޝަޔާ ޕޮލިހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:35 އެހާކަންހާއިރުއެވެ.
ބީބީސީ އާއި އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މީހާ ކޮށްޓަށް ވަނުމާއެކު މިނިކާވަގު ވަނީ އޭނާއަށް ހަމަލާދީފައެވެ. ސިއްހީ އެހީތެރިންނާއި ފުލުހުން އެތަނަށް ދިޔައިރުވެސް ލިބުނު އަނިޔާތަކުގެ ސަބަބުން އެ މީހާ އޮތީ މަރުވެފައެވެ. މަރުވި މީހާގެ މައުލޫމާތު ފުލުހުން އަދި އާންމުކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ މީހާ ކޮށްޓަށް ވަނުމުގެ ކުރިން ވަނީ އެހެން ބަޔަކު ކައިރީގައި މިނިކާވަގާއެކު އޭނާގެ ފޮޓޯއެއް ނަގައިދިނުމަށް އެދިފައެވެ. ފުލުހުން ވަނީ މި ހާދިސާގެ އަނިޔާވެރި މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ނުފެތުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.
މި ހާދިސާއަށްފަހު ޕާކު ހުސްކޮށް، އާދީއްތަ ދުވަހު ޕާކު ބަންދުކުރުމަށް ވަނީ ނިންމާފައެވެ. ފުލުހުން ބުނި ގޮތުގައި ހަމަލާދިން މިނިކާވަގަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ އިރު، އާންމުންނަށް އިތުރު ނުރައްކަލެއް ނެތެވެ.
