މިދިޔަ ހަފްތާ ސްކޭމް ކޮށްގެން ގެއްލުނު ފައިސާ އަދަދު ތިންލައްކައިން މައްޗަށް އަރާފައިވޭ - ފުލުހުން
ސްކޭމް ކޮށްގެން ފުލުހުންނަށް މިދިޔަ ހަފްތާ ހުށަހެޅުނު މައްސަލަ ތަކުގައި ގާތްގަނޑަކަށް ތިންލައްކަ ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ދިވެހިރާއްޖޭގެ ފުލުހުންގެ ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާގައި މިގޮތުން ހުށަހަޅާފައިވާ 38 މައްސަލައިގެ ތެރެއިން ގެއްލުނު ކަމަށް ރެކޯޑް ކުރެވިފައިވާ ފައިސާގެ ތެރެއިން ފުލުހުން ކުރި މަސައްކަތުން އެއްލައްކަ ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ ވަނީ ހޯދިފައެވެ.
މިދިޔަ ހަފްތާ ފައިސާ ގެއްލުމުގެ މައްސަލަ ތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ އީ ކޮމާސް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިންގާފައިވާ މުޢާމަލާތް ތަކުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ރިފަންޑާއި ބްކިންގ ކެންސަލް ވުމާއި ބޭރު ފައިސާ މާރުކުރުމުގެ މައްސަލަތައް ވެސް ވަނީ ހުށަހަޅާފައެވެ.
ފުލުހުން އިލްތިމާސް ކުރާގޮތުގައި މުދާގަތުމާއި ޚިދުމަތް ހޯދާއިރު މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ދޭ ފަރާތްތައް ސައްހަކަން ކަށަވަރު ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ. އަދި އޮންލައިން ވިޔަފާރީގައި މުދާ ދިނުމުން ފައިސާ ދައްކާގޮތަށް އެއްބަސްވެ މުޢާމަލާތް ހިންގުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
