މެންހެޓަން ގްރޭންޑް ހޮޓާ ކައިރީގައި ހުންނަ ވެމްކޯ ކުނި ސެންޓަރު ހުޅުމާލެ ފޭސް 3 އަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށައިފި
ހުޅުމާލޭގައި މި ފަހުން ހުޅުވި ފަސްތަރީގެ ސިޓީ ހޮޓާ، "މެންހެޓަން ގްރޭންޑް" ކައިރީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުނި ކަލެކްޝަން ސެންޓަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅޭގޮތުން ވެމްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، 2017 ވަނަ އަހަރުން ފެށިގެން ހުޅުމާލެ ފޭސް 1 ނިމޭ ހިސާބުގައި، އެ ހޮޓަލާ ޖެހިގެން ހިންގަމުން އައި ކުނި ސެންޓަރު ހުޅުމާލެ ފޭސް 3 އަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެ ސެންޓަރު ބަދަލުކުރާނެ އާ ބިމެއް ކަނޑައެޅުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ކުރަމުން އަންނަ ކަމަށާއި، އެ ސަރަހައްދުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ކުނިކޮށި ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މީގެ އަހަރުތަކެއް ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ހިންގުމަށް ބިނާކުރި ނުވަބުރީގެ މި އިމާރާތް ނުހުޅުވި ދިގުލައިގެން ދިޔަ މުއްދަތުގެ ތެރޭގައި، އެ ސަރަހައްދުގައި ކުނި ސެންޓަރު ގާއިމުކުރެވުނު ނަމަވެސް، މިދިޔަ އަހަރު އެސްޓީއޯއިން ވަނީ އެ ތަން ތަރައްގީކޮށް ހިންގުމަށް "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކޮށްފައެވެ.
"މެންހެޓަން ގްރޭންޑް" ގެ ނަމުގައި މި މަހުގެ ހަތް ވަނަ ދުވަހު ހުޅުވި މި ފަސްތަރީގެ ހޮޓާ ރަސްމީކޮށް ހުޅުވުމަށް މިރޭ ހަވާއެރުވުމާއެކު ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 162 ކޮޓަރި ހިމެނޭ މި ހޮޓަލުގައި ކެފޭ އަދި ރެސްޓޯރެންޓްތަކުގެ އިތުރުން ކޮންފަރެންސް ހޯލަކާއި، އައުޓްޑޯ ސްވިމިންގ ޕޫލެއް އަދި ސްޕާ އެންޑް ވެލްނަސް ސެންޓަރެއްވެސް ވަނީ ގާއިމުކޮށްފައެވެ.