މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ޕޮޗެޓީނޯ މިއަދު ރަސްމީކޮށް ހަވާލުވަނީ: ކުޅުންތެރިންނަށް ވަރުގަދަ މެސެޖެއް!
މައިކަލް ކެރިކްގެ ބަދަލުގައި 2029 ވަނަ އަހަރުގެ ނިޔަލަށް ޔުނައިޓެޑާ ގުޅުނު ޕޮޗެޓީނޯ އެ މަގާމަށް އައްޔަންކުރިކަން އިއުލާންކުރީ މިދިޔަ ހަފުތާގައެވެ. އެއްބަސްވުމުގެ ދަށުން، ނޭޝަންސް ލީގުގައި ހައިޓީއާ ދެކޮޅަށް އެމެރިކާ ކުޅުނު ދެ މެޗުގައި އެ ޓީމަށް އިރުޝާދު ދިނުމުގެ ފުރުސަތު ޔުނައިޓެޑުން ވަނީ އޭނާއަށް ދީފައެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން، އުމުރުން 54 އަހަރުގެ އާޖެންޓީނާ ކޯޗު ވަނީ އެމެރިކާގެ ކޯޗުކަން ދޫކޮށްލުމަކީ އޭނާގެ ކެރިއަރުގައި ނިންމި "އެންމެ އުނދަގޫ" ނިންމުން ކަމަށް ބުނެ، ކަރުނައާއެކު ޝުއޫރުތައް ފާޅުކޮށްފައެވެ.
ނޭޝަންސް ލީގު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މިދިޔަ ހޮނިހިރު ދުވަހު ހައިޓީ އަތުން 6-0 އިން އެމެރިކާ މޮޅުވި މެޗަށްފަހު، ޕޮޗެޓީނޯގެ ކޯޗިން ސްޓާފުންގެ ބައެއް މެންބަރުން ވަނީ ޔުނައިޓެޑްގެ ތަމްރީނު މަރުކަޒު ކަމަށްވާ ކެރިންގްޓަންގައި މަސައްކަތް ފެށުމަށް އިނގިރޭސިވިލާތަށް ގޮސްފައެވެ. އެމެރިކާގެ ކޯޗުގެ ގޮތުގައި ޕޮޗެޓީނޯ އިރުޝާދު ދިން ފަހު މެޗުގައި ރޭ ސިންސިނާޓީގައި ހައިޓީ އަތުން 2-0 އިން އެމެރިކާ މޮޅުވިއިރު، އެ މެޗަށްފަހު އޭނާ ވަނީ ސީދާ އިނގިރޭސިވިލާތަށް ދަތުރު ފަށާފައެވެ. އިނގިރޭސިވިލާތު ގަޑިން މިއަދު މެންދުރުގެ ވަގުތެއްގައި އޭނާ ކެރިންގްޓަންއަށް ހާޒިރުވާނެއެވެ.

ކެރިންގްޓަންއަށް ނުކުތުމުގެ ކުރިން ޕޮޗެޓީނޯގެ ވަރުގަދަ މެސެޖެއް
ޔުނައިޓެޑްގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވުމުގެ ކުރިން ޕޮޗެޓީނޯ ވަނީ އޭނާގެ އައު ކުޅުންތެރިންނަށް ވަރުގަދަ މެސެޖެއް ފޮނުވާފައެވެ. އެގޮތުން އޭނާގެ ކޯޗުކަމުގެ ދަށުން ކާމިޔާބީ ހޯދުމަށްޓަކައި ދަނޑުމަތީގައި ކުޅުންތެރިން ދުވަން ޖެހޭނެ ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފައެވެ.
ހައިޓީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، އޯލްޑް ޓްރެފޯޑްގައި އޭނާ ފަށާ އައު ޕްރޮޖެކްޓާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެމުން ޕޮޗެޓީނޯ ފާހަގަކުރީ، ޕްރިމިއާ ލީގުގައި އެންމެ މަދުން ދުވާ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޔުނައިޓެޑަށް، ނަތީޖާ ހޯދައިގެން ދުވުމުގެ މުހިންމުކަމެވެ.
"ފުޓްބޯޅައަކީ ވަރަށް ކޮމްޕްލެކްސް ކުޅިވަރެއް. ހަމައެކަނި ދުވުމަކީ މުހިންމު ކަމެއް ނޫން. ރަނގަޅަށް، އުސޫލެއްގެ ތެރެއިން ދުވަން ޖެހޭނެ،" ޕޮޗެޓީނޯ ބުންޏެވެ.
"ވަކި މަގުސަދެއްގައި ދުވަން ޖެހޭނެ. އެންމެން އެކުގައި ޓީމެއްގެ ގޮތުގައި ދުވެ، އޭގެ ފަހުން ފުޓްބޯޅަ ކުޅެން ޖެހޭނެ. ކުޅުންތެރިންގެ ހުނަރު ދަނޑުމަތީގައި ދައްކަން ޖެހޭނެ،" އޭނާ އިތުރަށް ބުންޏެވެ.
