މެލޭޝިއާއިން ރާއްޖެ އައި ދިވެއްސެއްގެ އަތުން 3.2 ކިލޯގެ ހެރޮއިން އަތުލައިގަނެފި
ލަގެޖުގައި ފޮރުވައިގެން ރާއްޖެއަށް 3.2 ކިލޯގެ ހެރޮއިން އެތެރެކުރަން އުޅުނު ދިވެހި ފިރިހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުދަ ދުވަހު ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 32 އަހަރުގެ އެ ދިވެހި ފިރިހެން މީހާ ރާއްޖެ އައިސްފައިވަނީ މި މަހުގެ 8 ވަނަ ދުވަހު މެލޭޝިއާއިން އައި ފްލައިޓަކުން ކަމަށެވެ.
ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، އެއާޕޯޓުން އޭނާގެ އަމަލުތައް ހުރި ގޮތުން ކަސްޓަމްސްގެ އޮފިޝަލުންނަށް ޝައްކުވެގެން އޭނާގެ ލަގެޖު ބަލައި ފާސްކުރިއިރު، އޭގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ.
ލަގެޖުން ފެނުނު އެ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އޭގެ ބަރުދަނުގައި ޖުމްލަ 3.2 ކިލޯ (3،200 ގްރާމް) ހުރި ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، ތުހުމަތުކުރެވޭ މީހާ ޖިނާއީ ތަހުގީގު ހިންގުމަށްޓަކައި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭ ގޮތަށް ރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ވަނީ އިސްލާހު ގެނެސްފައެވެ. އެ އާ އިސްލާހުތަކުގެ ދަށުން، 350 ގްރާމަށްވުރެ ގިނައިން ކެނަބިސް، ނުވަތަ 250 ގްރާމަށްވުރެ ގިނައިން ޑައިމޯފިން (ހެރޮއިން)، ނުވަތަ ޖަދުވަލު 1 ގައި ހިމެނޭ އެހެންވެސް މަސްތުވާއެއްޗެއް 100 ގްރާމަށްވުރެ ގިނައިން ރާއްޖެ އެތެރެކުރިކަން ސާބިތުވާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅޭނެއެވެ.
