މީހަކު ދިރިއުޅޭ ތަނުގެ ތަފާތަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތުގެ ފެންވަރު ބަދަލުވާންޖެހޭ ސަބަބެއްނޫން
ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށް ނުވަތަ މި ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިއަކަށް ވިޔަސް، އެއް ފެންވަރެއްގެ ޕްރޮފެޝަނަލް އަދި އޯގާތެރި ފުލުހުންގެ ހިދުމަތެއް ލިބުމަކީ ކަށަވަރުވާންޖެހޭ އަސާސީ ހައްގެއް ކަމަށާއި، ގައުމުގެ ޖިއޮގްރަފީގެ ތަފާތަކީ ހިދުމަތުގެ ފެންވަރު ކަނޑައަޅާ އަސާސަކަށް ވެގެން ނުވާނެ ކަމަށް، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަޠީފް ވިދާޅުވެއްޖެއެވެ.
ޑީސީޕީ (ރިޓަޔަރޑް) އިބްރާހީމް ލަޠީފް މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އިސްކަންދަރު ކޮށީގައި ކުރިއަށްގެންދާ "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" ގެ ބައިވެރިންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި މުއައްސަސާގެ ސީނިއަރ އެގްޒެކެޓިވް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޑީސީޕީ (ރިޓަޔަރޑް) ލަޠީފް ވިދާޅުވީ ކިތަންމެ އެކަހެރި ރަށެއްގައި ދިރިއުޅޭ ރައްޔިތެއް ކަމުގައި ވިޔަސް، ފުރަމާލޭގައި ދިރިއުޅޭ ރައްޔިތެކޭ އެއްފަދައިން ފުރިހަމަ އިހުތިރާމާއި ސަމާލުކަމާއެކު ޕްރޮފެޝަނަލް ޚިދުމަތް ހައްގުވާ ކަމަށެވެ.
އަދި އައްޑޫ ސިޓީ ހިތަދޫގައި އަނިޔާގެ ޝިކާރައަކަށްވާ ފަރާތަކަށް ލިބޭ އަޅާލުމާއި އެހީތެރިކަން، ހއ. ތުރާކުނުގައި ހުންނަ ފަރާތަކަށް ވެސް ހަމަ އެ މިންވަރަށް ލިބެންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތަކީ ސައިންސާއި ފަންނު އެކުލެވިގެންވާ ކަމެއްކަން ބަޔާންކުރައްވަމުން ލަޠީފް ވިދާޅުވީ، ހެއްކާއި އިންޓެލިޖެންސާއި ޓެކްނޮލޮޖީއާއެކު، އޯގާތެރިކަމާއި އިންސާނިއްޔަތުކަން އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ހައްޔަރުކުރުމާއި ތަހުގީގު ކުރުމުގެ ބާރުތަކަށްވުރެ އޯގާތެރިކަމާއި އިންސާނިއްޔަތުކަން މާ މުހިންމުވާ ދަނޑިވަޅުތައް އަންނާނެކަން ފާހަގަކުރައްވައި، އަނިޔާގެ ޝިކާރައަކަށްވާ މީހަކަށް ނުވަތަ ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ އާއިލާއަކަށް އެހީތެރިވާ ވަގުތު އެމީހުން ބަލާނީ ކޮނޑުގައިވާ ރޭންކަކަށް ނޫން ކަމަށާއި، ޔުނިފޯމްގެ ފަހަތުގައިވާ އިންސާނާއަށް ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އަހުލާގާއި ސުލޫކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޑިސިޕްލިން ފެށެންޖެހޭނީ ލީޑަރޝިޕުން ކަމަށާއި، ބޭރުގެ އެކި ނުފޫޒުތަކަށް ޖާގަ ނުދީ ޗެއިން އޮފް ކޮމާންޑް ހިފެހެއްޓުމަށް އޮފިސަރުންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ނަޒާހަތްތެރިކަން ގެއްލޭފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށާއި، ކޮމިޝަނަރ އޮފް ޕޮލިސްގެ ފަހަތްޕުޅުގައި ސާބިތުވެ ތިބެ، މުއައްސަސާގެ އަގުތަކާއި ފަހުރުވެރި ތަރިކަ ރައްކާތެރިކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.