މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބާއްވާ "ސީސައިޑް ސްޓޯރީސް" އާޓް އެގްޒިބިޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މި އަހަރުގެ ޤައުމީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ބާއްވާ ޚާއްޞަ އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒްއިން ހުޅުވާލައިފިއެވެ.
"ސީސައިޑް ސްޓޯރީސް" ގެ ނަމުގައި ކުރިއަށްގެންދާ މި މައުރަޒު އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 6 އިން 10 އަށް މާލޭގައެވެ. ރާއްޖޭގައި ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި އެގްޒިބިޝަނަށް އާޓްވޯކް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ފޯމު ފުރުމަށްފަހު، މި ނޮވެމްބަރު މަހުގެ 25 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ.

މި އެގްޒިބިޝަނުގައި މައިގަނޑު ފަސް ދާއިރާއަކުން އުފެއްދުންތައް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ:
- ކުރެހުން (ޑްރޯވިންގ)
- ކުލަޖެއްސުން (ޕެއިންޓިންގ)
- ޑިޖިޓަލް އާޓް
- ސްކަލްޕްޗާ (ކަނޑާނަގައިގެން ހަދާ ތަކެތި)
- މިކްސް މީޑިއާ
މުބާރާތުގައި ބައިވެރިވުމަށް ތިން ކެޓަގަރީއެއް ވަނީ ކަނޑައަޅާފައެވެ. އެއީ 12 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަ ޖޫނިއާ ކެޓަގަރީ، 12 އަހަރާއި އެއަށްވުރެ މަތީގެ ފަރާތްތަކަށް ޚާއްޞަ އޯޕަން ކެޓަގަރީ، އަދި ރާއްޖެއިން ބޭރު ޤައުމުތަކުގެ ރައްޔިތުންނަށް ޚާއްޞަކޮށްފައިވާ އިންޓަނޭޝަނަލް ކެޓަގަރީ އެވެ.
މިނިސްޓްރީން ވަނީ މުބާރާތުގައި ބައިވެރިކުރާ ހުރިހާ އުފެއްދުންތަކަކީ ވެސް ބައިވެރިވާ ފަރާތުގެ އަމިއްލަ އުފެއްދުމަކަށް ވާންޖެހޭނެކަން ފާހަގަކޮށްފައެވެ. އެގޮތުން، އެހެން މީހެއްގެ ފޮޓޯއެއް ރިފަރެންސްގެ ގޮތުގައި ބޭނުންކުރާ ނަމަ، އެ ފޮޓޯ ނެގި ފަރާތުގެ ލިޔުމުން ދީފައިވާ ހުއްދަ ހުށަހަޅަން ޖެހޭނެއެވެ. އަދި އެހެން ފަންނާނެއްގެ އުފެއްދުމަކުން ކޮޕީކޮށްފައިވާކަން އެނގިއްޖެ ނަމަ، އެ އުފެއްދުމެއް ވަގުތުން މުބާރާތުން ވަކިކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން އިންޒާރުދީފައިވެއެވެ.
މި މުބާރާތުގެ ވަނަތައް ހޮވާނީ މިނިސްޓްރީން އައްޔަންކުރާ ޚާއްޞަ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އަދި ކޮންމެ ކެޓަގަރީއަކުން އެއްވަނައަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.