މަސްތުވާތަކެއްޗާއެކު ދިއްދޫ ބަނދަރުމަތިން 60 އަހަރުގެ މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫން 60 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މާހަލް / މާލެ، ޢަބްދުޙަންނާން އާދަމް (60އ) އެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހއ. އަތޮޅު ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 13 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ ހއ. ދިއްދޫ ބަނދަރުގެ ދެކުނުފަރާތު ރަސްމީ ސިޑި ކައިރިން ހުއްޓުވައި ބަލައިފާސްކުރުމަށްފަހުއެވެ.
އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި ޖުމްލަ 53.2 ގްރާމް ހުރިއިރު، އޭގެ ތެރޭގައި 36.9 ގްރާމްގެ މަސްތުވާތަކެއްޗާއި، 16.3 ގްރާމްގެ މެތަމްފެޓަމިން ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ޢަބްދުޙަންނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
