މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ދެ މީހަކު ކޮންޓްރޯލްޑް ޑެލިވަރީއެއްގައި ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިސްމާއީލް ނަސީރާއި މުހައްމަދު ޒިޔާދެވެ. މި ދެ މީހުން އަތުލައިގަނެފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަތް މަސްތުވާތަކެއްޗާ ހަވާލުވާ ފަރާތްތައް ދެނެގަތުމަށް، ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގޭ ގޮތުގައި، މި މައްސަލައިގައި ތުހުމަތުކުރެވޭ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފައިވަނީ ތިން ލަގެޖެއްގައި ހުރި މުދަލުގެ ތެރޭގައި ފޮރުވައިގެންނެވެ. އަދި އޭގެ ތެރެއިން ކޮންމެ ފޮއްޓަކުން ވެސް 3.51 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުން ކޯޓުގައި މައުލޫމާތު ދީފައިވާ ގޮތުގައި، އިސްމާއީލް ނަސީރާއި މުހައްމަދު ޒިޔާދު އެ ސަރަހައްދަށް ދިޔައީ ސައިކަލެއްގައެވެ. އަދި އޭގެ ތެރެއިން އެއް ލަގެޖު ހިފައިގެން އިސްމާއީލް ނަސީރު ދާން ފެށުމުން ފުލުހުން ވަނީ އޭނާ ހުއްޓުވައި ހައްޔަރުކޮށްފައެވެ. އެ ވަގުތު މުހައްމަދު ޒިޔާދު ދުރުގައި ފާރަވެރިވެ ބަލަހައްޓައިގެން ހުރިކަން ފާހަގަކުރެވިގެން ފުލުހުން ވަނީ އޭނާ ވެސް އެ ވަގުތު ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން، މި ދެ މީހުން ހައްޔަރުކުރުމަށްފަހު ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު، ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ވަނީ ޝަރީއަތުގެ މަޖިލީހުގައި ހާމަކޮށްފައެވެ.
