ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިމީހަކު ފިޓުޖެހިގެން ހޮސްޕިޓަލްގައި އެޑްމިޑް ކޮށްފައި ވަނިކޮށް ބަންދަށް 15 ދުވަސް
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިޓުޖެހި، ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނިކޮށް އޭނާގެ ޣައިރު ހާޒިރުގައި ބަންދަށް 15 ދުވަސް އިއްޔެ ޖަހައިފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް، އެ ތަކެތިން ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަކަށް ހެކި ހުށަހަޅާފައިވުމުންނެވެ. އެގޮތުން ހާދިސާއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓާއި ސީންއަށް ދިޔަ ފުލުހެއްގެ ހެކިބަހުގެ ބަޔާނުގެ އިތުރުން އޭނާގެ ހައްޔަރާއި ބަންދުގެ ރެކޯޑު ވެސް ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުފައިވެއެވެ.
ކޯޓު އަމުރުގައި ވަނީ އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފުލުހުން އެދިފައިވުމާއި، އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިޓު ޖެހިގެން ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލުގައި އެޑުމިޓުކޮށްފައިވާތީ ކަމަށެވެ. އަދި އެކަން ހާމަވާ، އެ ހޮސްޕިޓަލުގެ ލިޔެކިޔުމެއް ވެސް ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން އޭނާގެ ޣައިރު ހާޒިރުގައި ބަންދާމެދު ގޮތެއް ނިންމާފައިވީ ނަމަވެސް، އޭނާ ފަނޑިޔާރުންގެ ކުރިމައްޗަށް ގެނެވޭ ހާލަތަކަށް ބަދަލުވާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އަލުން ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރުކުރުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
