މަރުކޮމިޝަނުގެ ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ: އެޓަރނީ ޖެނެރަލް

Advertisement
މަރުކޮމިޝަނުގެ ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ: އެޓަރނީ ޖެނެރަލް
ތަފްޞީލް

ގޮތްނޭނގޭ މަރުތަކާއި މީހުން ގެއްލުވާލާފައިވާ މައްސަލަތައް ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަން (މަރުކޮމިޝަން) އިން އެކުލަވާލާފައިވާ ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.


އޭޖީ އުޝާމް ހާމަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުން އުފެއްދެވި މަރުކޮމިޝަނުން ތަހުގީގުކޮށް ރައީސް އޮފީހަށް ހުށަހަޅާފައިވާ ރިޕޯޓުތައް މިހާރު ދަނީ ގާނޫނީ ގޮތުންނާއި ފަންނީ ގޮތުން ފުންކޮށް ދިރާސާކުރަމުންނެވެ. މި ދިރާސާތައް ނިމުމުން، އެ ރިޕޯޓުތަކުގެ ތެރެއިން އާންމުކުރެވެން ހުރި މައުލޫމާތުތައް ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


މީގެ އިތުރުން، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުއްރަހްމާންގެ މައްސަލައާ ގުޅޭގޮތުން އެޓަރނީ ޖެނެރަލް ވިދާޅުވީ، ރިޟްވާންގެ އާއިލާއާ ބައްދަލުކުރައްވައި، އެ މައްސަލައިގެ ރިޕޯޓުން އާންމުކުރެވެން ހުރި މައުލޫމާތުތައް އާއިލާއާ ހިއްސާކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.


ކުރީގެ ސަރުކާރުގެ ދައުރު ނިމުނުއިރު މަރުކޮމިޝަނުން ވަނީ ބައެއް ބޮޑެތި މައްސަލަތަކުގެ ތަހުގީގު ރިޕޯޓުތައް އެކުލަވާލައި ރައީސް އޮފީހަށް ހުށަހަޅާފައެވެ. ސަރުކާރުގެ އަމާޒަކީ މި ރިޕޯޓުތަކުގައިވާ މައުލޫމާތުތަކުގެ ތެރެއިން ގާނޫނީގޮތުން ހާމަކުރެވެން ހުރި ކަންކަން ސާފުކޮށް އާންމުންނަށް އެނގޭނެހެން ހާމަކުރުމެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles