މަޖިލީހަށް ގެންދިޔަ ކަޅު ދަބަހުގެ ހަގީގަތް މިނިސްޓަރު މުއްތަލިބު ހާމަކުރައްވައިފި
ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ގެންދެވި ކަޅު ދަބަހަކީ، އާރަށުގައި ފުޓްބޯޅަ ކުޅުއްވުމަށް ބޭނުންކުރެއްވި ކުޅިވަރު ސާމާނު އަޅާފައި އޮތް ދަބަހެއް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ، ރޭ މިނިސްޓަރު މުއްތަލިބު ކަޅު ދަބަހެއް ހިއްޕަވައިގެން މަޖިލީހަށް ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް ނޫސް މީޑިއާއަކުން އާންމުކުރުމާ ގުޅިގެންނެވެ. އެ ވީޑިއޯއާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެ ދަބަހުގައި ހުރީ ފައިސާ ކަމަށް ބުނެ ތަފާތު ތުހުމަތުތަކެއްކޮށް ފާޑުކިޔާފައެވެ.
މި ތުހުމަތުތަކަށް ރައްދު ދެއްވައި މިނިސްޓަރު މުއްތަލިބު މިއަދު ސޯޝަލް މީޑިއާގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރޭ މަޖިލީހުގެ އިދާރާއަށް ބަންޑާރަނައިބު އަހުމަދު އުޝާމާއެކު ވަޑައިގަތީ މަޖިލީހުގެ މެންބަރުންތަކެއްގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އެ ބައްދަލުވުމަކީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން މެންބަރުން ސާފުކުރައްވަން ބޭނުންފުޅުވި ކަންކަން އޮޅުންފިލުއްވައިދެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ސާފުކޮށްދެއްވި ގޮތުގައި، އެ ބައްދަލުވުން ހަމަޖެހިފައި އޮތް ގަޑިއާ، އެމަނިކުފާނު އާރަށުގައި ފުޓްބޯޅަ ކުޅުއްވުމަށްފަހު މާލެ ވަޑައިގެންނެވި ގަޑިއާ ދިމާވުމުން، ލޯންޗުން ފައިބައިވަޑައިގެންނެވި ގޮތަށް ކުޅިވަރު ސާމާނު އަޅާފައިވާ ދަބަސް ހިއްޕަވައިގެން ސީދާ މަޖިލީހުގެ އިދާރާއަށް ވަޑައިގަތީއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަލާމަތީ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން މުއްތަލިބު ވިދާޅުވީ، އެ އިދާރާއަކީ ދިވެހި ސިފައިން ސެކިއުރިޓީ ބަލަހައްޓާ، އަދި ސީސީޓީވީ ކެމެރާއާއި، ބޮޑީ ސްކޭނަރުގެ އިތުރުން ދަބަސް ސްކޭން ކުރާ މެޝިން ވެސް ބަހައްޓާފައި ހުންނަ ތަނެއް ކަމަށެވެ. އެހެންކަމުން ދައުލަތުގެ ވަޒީރުންނަށް ވެސް އެ އިދާރާއަށް ވަދެވެނީ އައިޑީ ކާޑު ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދައިގެން، އަދި ހުރިހާ ސެކިއުރިޓީ ޗެކްތަކެއް ފުރިހަމަކޮށްގެން ކަމަށް ވިދާޅުވިއެވެ.
"މަޖިލިސް އިދާރާއަށް ވަނީ އެ ދަބަސް ސެކިއުރިޓީ ޗެކް ކުރުމަށް ޓަކައި ސްކޭނާއިން ސްކޭން ވެސް ކޮށްގެން. ބައްދަލުވުމަށްފަހު މަޖިލިސް އިދާރާއިން އަޅުގަނޑު ނިކުތީ އެ ދަބަސް ކޮނޑުގައި އަޅުވައިގެން،" މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ މި މައްސަލައިގައި މިނިސްޓަރުގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. އެގޮތުން ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، މިނިސްޓަރު ގެންދެވި ދަބަހަކީ އެމަނިކުފާނު ކުޅެން ބޭނުންކުރެއްވި "ބޫޓު" އަޅާފައި އޮތް ދަބަހެއް ކަމަށެވެ.
