މަހަކު 60 ހާސް ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ ލިބޭ 60 ހާސް އަށް ވުރެ ގިނަ މީހުން އެބަތިބި
ދިވެހިރާއްޖޭގައި މަހަކު 60 ހާސް ރުފިޔާ ނުވަތަ އެއަށް ވުރެ ގިނަ އާމްދަނީ ލިބޭ 60 ހާސް އަށް ވުރެ ގިނަ ފަރުދުން، އިންކަމް ޓެކްސް ދެއްކުމަށް ރަޖިސްޓަރީވެފައި ވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (MIRA) ގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
2025 ވަނަ އަހަރުގެ ނިޔަލަށް 86,000 އަށް ވުރެ ގިނަ ފަރާތްތައް އިންކަމް ޓެކްސް ދެއްކުމަށް ރަޖިސްޓަރީވެފައި ވާއިރު، އޭގެ ތެރޭގައި 60,489 އަކީ އަމިއްލަ ފަރުދުން ކަމަށާއި، 25,865 އަކީ ކުންފުނިތަކާއި ވިޔަފާރި މުއައްސަސާތަކެވެ.
2020 ވަނަ އަހަރު ދިވެހިރާއްޖޭގައި ފަރުދީ އިންކަމް ޓެކްސް ތަޢާރަފުކުރި އިރު، މަހަކު 60 ހާސް ރުފިޔާ ނުވަތަ އެއަށް ވުރެ ގިނަ އާމްދަނީ ލިބޭ މީހުން ވަނީ ޓެކްސް ދެއްކުމަށް ލާޒިމުކޮށްފިއެވެ.
ގައުމުގެ އިންކަމް ޓެކްސް އާމްދަނީ ފާއިތުވި އަހަރު 5.5 ބިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރޭގައި 172 މިލިއަން ރުފިޔާ ލިބުނީ ފަރުދީ އިންކަމް ޓެކްސްގެ ގޮތުގައެވެ. އިންކަމް ޓެކްސްގެ އެންމެ ބޮޑު ބައި ދެއްކީ ކުންފުނިތަކާއި ވިޔަފާރި މުއައްސަސާތަކުންނެވެ.
މި މަޢުލޫމާތު ނެރެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަހަކު 60 ހާސް ރުފިޔާ ނުވަތަ އެއަށް ވުރެ ގިނަ އާމްދަނީ ލިބޭ މީހުންނަށް އާސަންދައިން 100 ޕަސެންޓް ޚަރަދު ކަވަރުނުކުރުމަށް ނިންމިކަން އިޢުލާންކުރި ފަހުންނެވެ.
އެ ނިންމުމުގެ ދަށުން، އެ ފެންވަރުގެ އާމްދަނީ ލިބޭ މީހުން ކޯ-ޕޭ ނުވަތަ ޕްރީ-ޕޭ ނިޒާމެއްގެ ދަށަށް ގެނެސް ސަރުކާރަށް އަހަރީ ފީއެއް ދެއްކުން ލާޒިމުވާނެއެވެ.