Ad #82027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Technology Featured

މާރްސްގެ ވަށައިގެންވާ ދެ ސިއްރު ހަނދު: ފޯބޯސް އާއި ޑެއިމޯސްގެ ވާހަކަ

މާރްސްގެ ވަށައިގެންވާ ދެ ސިއްރު ހަނދު: ފޯބޯސް އާއި ޑެއިމޯސްގެ ވާހަކަ
ތަފްޞީލް

ރަތް ޕްލެނެޓް (މާރސް) އަކީ އަބަދުވެސް އިންސާނުންގެ ޝައުޤުވެރިކަން ދަމައިގަންނަ ތަނެކެވެ. އަހަރުމެންގެ މިދުނިޔެއަށް ހަނދެއް ލިބިފައިވާ ފަދައިން މާރސް އަށްވެސް ވަނީ ހަނދު ލިބިފައެވެ. އެންހަނދެއް ނޫނެވެ. ދެހަނދު ލިބިފައިވެއެވެ. އެހަނދުތަށް މާރސް ވަށައިގެންވެސް އެނބުރެމުން ދެއެވެ. އެއީ ފޯބޯސް (Phobos) އާއި ޑެއިމޯސް (Deimos) އެވެ.


އަޅުގަނޑުމެންގެ ބިމުގެ (އާރތް) ވަށައިގެން އެނބުރެނީ ވަށްބުރުގެ ބައްޓަމަށް އޮންނަ ނަލަ ހަނދެކެވެ. ނަމަވެސް މާރްސްގެ މި ދެ ހަނދަކީ އާދައިގެ ހަނދުތަކާ ވަރަށް ތަފާތު، އަޖާއިބުން ފުރިގެންވާ ދެ ހަނދެވެ. މި ދެހަނދުވެސް ވައްތަރީ ޕޮޓޭޓޯ (އަލުވި) އަކާއެވެ.


  • ފޯބޯސް: މިއީ ދެ ހަނދުގެ ތެރެއިން ބޮޑު ހަނދެވެ. މީގެ ފުޅާމިނުގައި އުޅެނީ އެންމެ 22 ކިލޯމީޓަރެވެ.
  • ޑެއިމޯސް: މިއީ މާ ކުޑަ ހަނދެކެވެ. މީގެ ފުޅާމިނުގައި އުޅެނީ އެންމެ 12 ކިލޯމީޓަރެވެ. މިސާލަކަށް، މިއީ ރާއްޖޭގެ ބައެއް އަތޮޅުތަކުގެ ބޮޑުމިނަށްވުރެވެސް ކުޑަ މިންވަރެކެވެ.

















މި ދެހަނދު އައީ ކޮންތާކުން؟

މިއީ ސައިންސްވެރިންގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލެވެ. މައިގަނޑު ދެ ސަބަބެއް ބެލެވެއެވެ:

  1. ޖައްވުން ހިފެހެއްޓުނު އެސްޓްރޮއިޑްތަކެއް: މާރސްގެ ކައިރިން ދަތުރުކުރި ދެ އެސްޓްރޮއިޑް (ޖައްވީ ގާބުރި) މާރްސްގެ ގްރެވިޓީ (ދަމާބާރު) ގެ ތެރެއަށް ވަދެ، ހިފެހެއްޓުނީ ކަމަށް ބެލެވުން.
  2. މާރސްއިން ބުރައިގެންދިޔަ އެތިކޮޅުތަކެއް: މާރސް އުފެދުނު ކުރީކޮޅު ބޮޑު އެސްޓްރޮއިޑެއް މާރްސްގައި ޖެހި، ބުރައިގެންދިޔަ ފަސްގަނޑާއި ގާބުރިތައް އެކުވެގެން އުފެދުނު ދެ ހަނދު ކަމަށް ބެލެވުން.


ފޯބޯސްގެ ހިތާމަވެރި ނިމުން

ފޯބޯސް ދަތުރުކުރަމުންދަނީ މާރސްއާ ވަރަށް ކައިރިންނެވެ. މުޅި ސޯލާ ސިސްޓަމްގައިވެސް ޕްލެނެޓަކާއި އެންމެ ކައިރިން ދަތުރުކުރާ ހަނދަކީ ފޯބޯސްއެވެ.


ސައިންސްވެރިން ލަފާކުރާ ގޮތުގައި، ކޮންމެ 100 އަހަރަކުން ފޯބޯސް ދަނީ މާރްސްއާ 2 މީޓަރު ކައިރިއަށް ޖެހެމުންނެވެ. މީގެ 30 އާއި 50 މިލިއަން އަހަރު ފަހުން، ފޯބޯސް މާރްސްގެ ޖައްވުގެ ތެރެއަށް ވެއްޓި ހަލާކުވާނެއެވެ. ނުވަތަ މާރްސްގެ ދަމާބާރުގެ ސަބަބުން ކުދިކުދިވެ، މާރްސްގެ ވަށައިގެން "ރިންގެއް" (Ring) އުފެދޭނެއެވެ.


💡 ސައިންސްވެރިންނަށް މި ދެހަނދު މުހިންމުވަނީ ކީއްވެ؟

މި ދެ ހަނދަކީ މާރސްގެ އިތުރުން މުޅި ސޯލާ ސިސްޓަމް އުފެދިގެން އައި ގޮތުގެ "ވަގުތުގެ ކެޕްސޫލް" ތަކެކެވެ. މިއިން ހަނދެއްގެ ފަސްގަނޑު ދިރާސާކޮށްފިނަމަ، މާރްސްގައި ފެން ހުރި ގޮތާއި، މާރްސްގައި ދިރުން އުފެދުމަށް މަގުފަހިވި ގޮތްތައް ދެނެގަނެވޭނެއެވެ.

 

ޖަޕާނުން އިސްނަގައިގެން ފޯބޯސްއަށް ލޭންޑްކުރަން ކުރާ މަސައްކަތް

ޖަޕާނުގެ JAXA އިން ނާސާ(NASA)، ޔޫރަޕިއަން ސްޕޭސް އޭޖެންސީ (ESA) އަދި ފްރާންސް އާއި ޖަރުމަނުގެ ޖައްވީ އިދާރާތަކާ ގުޅިގެން ފަށާފައިވާ MMX  މިޝަން ގެ މުހިންމު މަގުސަދުތަކަކީ:

  • ފޯބޯސްއަށް ސޮފްޓް-ލޭންޑިންގ ހެދުން: ފޯބޯސްގެ ފަސްގަނޑުން މަދުވެގެން 10 ގްރާމްގެ ސާމްޕަލް ނެގުން.
  • އައިޑެފިކްސް (Idefix) ރޯވަރު: ފޯބޯސްގެ ބިންމަތީގައި ހިނގާލައި، ފަސްގަނޑުގެ އޮންނަ ގޮތް ދިރާސާކުރުން.
  • އެކްސްޕްލޮރޭޝަން އަދި އެނބުރި އައުން: ފޯބޯސް އާއި ޑެއިމޯސް ދިރާސާކުރުމަށްފަހު، އެނބުރި ބިމަށް ސާމްޕަލްތައް ގެނައުން.
Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all