މާލޭގެ ގޯޅިއެއްގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރެއިން ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ!
މާލޭގެ ހުސައިނީ ގޯޅީގައި (ބާޒާރުމަތީ ސަރަޙައްދުގައި) ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:17 އެހައިކަންހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
ހާދިސާގެ ތަފްސީލު
މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، ޕިކަޕް ތެރޭގައި އޮތް މީހާ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައެވެ. ނަމަވެސް، ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ.
މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އާންމުންގެ ފަރާތުން ލިބުނު މައުލޫމާތު
އެ ސަރަހައްދުގައި އުޅޭ ބައެއް އާންމުން މައުލޫމާތު ދޭ ގޮތުގައި، މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ބާޒާރުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭ މީހެކެވެ. އަދި އެފަދަ ފަރާތްތަކުން ރޭގަނޑު އާންމުކޮށް ނިދަން އަރައި އުޅެނީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުންނަ ޕިކަޕްތަކުގެ ތެރެއަށް ކަމަށްވެސް އެ ސަރަހައްދުގެ މީހުން ފާހަގަކުރެއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.