މާލޭގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި
މާލޭގެ ގެއެއް ކަމަށްވާ ހ. އުނިހިޔާގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި ޙާލުގައި ޖެހުނު 23 މީހުންނަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. އެހީތެރިކަން ފޯރުކޮށްދީފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރުން މަތީގެ 20 މީހުންނާއި 18 އަހަރު ނުފުރޭ ތިން ކުދިންނެވެ. މީގެ އިތުރުން، އަލިފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު އެ ގޭގެ ހަތަރުވަނަ ފަންގިފިލާގައި ދިރިއުޅުނު ހަތް މީހަކަށް އަންނައުނު ވެސް ވަނީ ފޯރުކޮށްދީފައެވެ.
ހ. އުނިހިޔާގޭގެ ތިންވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ މެންދުރުފަހު 3:00 ހާއިރުއެވެ. އަދި ސިފައިންގެ އަލިފާން ނިއްވާ ނިޒާމުގެ ފަރާތުން ކުރި މަސައްކަތުން އެ އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހަވީރު 4:19 ހާއިރުއެވެ.
ހާދިސާގެ އަދާހަމަ: ހ. އުނިޔާގޭގައި ހިނގި އަލިފާނުގެ ހާދިސާ މިހާރު ވަނީ ކޮންޓްރޯލްކޮށް ނިއްވާލެވިފައި. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ. މި ހާދިސާގައި އެ ޢިމާރާތުގެ 3، 4، 5 އަދި 6 ވަނަ ފަންގިފިލާއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި. އަދި އެތަނުގައި ދިރިއުޅޭ 23 ފަރާތަކަށް (20 ބޮޑެތި މީހުންނާއި 3 ކުޑަކުދިން) 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު މި އޮތޯރިޓީން ވަނީ ހަމަޖައްސައިދީފައި. މީގެއިތުރުން، އެންމެ ބޮޑަށް ގެއްލުންވި 4 ވަނަ ފަންގިފިލާގައި ދިރިއުޅޭ 7 ފަރާތަކަށް އަންނައުނުގެ އެހީތެރިކަން ވެސް މިހާރު ވަނީ ފޯރުކޮށްދެވިފައި.
— NDMA Maldives (@NDMAmv) November 23, 2026
އެންޑީއެމްއޭއިން ބުނި ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އަލިފާނުގެ އަސަރު އެ ގޭގެ ހަތަރުވަނަ އަދި ފަސްވަނަ ފަންގިފިލާއަށް ވެސް ކޮށްފައިވާ ކަމަށާއި، މި ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.
