މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކުމުގެ އިސް މީހާ ކަމަށް ތުހުމަތުކުރެވޭ ރަޝްވާން 15 ދުވަހަށް އަލުން ބަންދުކޮށްފި
މާލެތެރެއަށް ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދީ، އެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރަޝްވާން އައްބާސް (53އ، ހ. ކަރޯގެ) އިތުރު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ދިން މުއްދަތު ހަމަވުމާ ގުޅިގެން އިއްޔެ ކޯޓަށް ހާޒިރުކުރުމުންޖެހި މި އަމުރުގެ މުއްދަތު ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ހ. މާދޫގޭގެ ދެ ފްލޯ ބަލައި ފާސްކޮށް، އެ ތަނުން 826 ފުޅި ބަނގުރާ ވަނީ ހޯދާފަ އެވެ. އަދި އެ އޮފީސް ތެރޭގައި ވަކި ބަޔަކަށް އެކްސެސް ވެވޭ ގޮތަށް ޝެލްފް ރެކް ހަރުކޮށްފައިވާއިރު، އެ ތަނަށް ވަނުމުގެ ހުއްދަ ނުވަތަ އެކްސެސް ރަޝްވާނަށް އޮންނަ ކަމަށް ކޯޓު އަމުރުތަކުގައި ފާހަގަކޮށްފައިވެ އެވެ.
ކޯޓުގައި ދައުލަތުގެ ވަކީލުން ފާހަގަކޮށްފައިވާ ގޮތުގައި، އިންތިޒާމުވެގެން ބިދޭސީން ނިވާފަތްގަނޑަކަށް ލައިގެން މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކުމުގެ އެންމެ އިސް ފަރާތަކީ ރަޝްވާން އެވެ. ނަމަވެސް ރަޝްވާންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.
ދިފާއީ ވަކީލުން ކޯޓުގައި އެދިފައިވަނީ، މިއީ ޖިނާއީ ކުޑަ މައްސަލައަކަށްވެފައި، އެކަށީގެންވާ މުއްދަތަކަށް އޭނާ މިހާތަނަށް ބަންދުކޮށްފައި ހުރުމުން އޭނާ ދޫކޮށްލުމަށެވެ. ނަމަވެސް ކޯޓުން ނިންމާފައިވަނީ ރަޝްވާން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، އޭނާ ބަންދުގައި ބެހެއްޓުމަށެވެ.
މި މައްސަލައާ ގުޅިގެން މީގެ ކުރިން ބަންގްލަދޭޝްގެ ތިން މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ:
- އަލް އަމީން (34އ)
- ޕޮލިން (43އ)
- އެމްޑީ ރަކިބް ހޮސެން (25އ)
އެ މީހުން ކޯޓަށް ހާޒިރުކުރުމުން ބުނެފައިވަނީ ބަނގުރާ ވިއްކަމުންދިޔައީ ރަޝްވާން އިންޒާރުދޭތީ ކަމަށެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުން އަންނަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.