މާލޭ ހެންވޭރު ގެއެއްގައި ރޭގެ ވަގުތެއްގައި ރޯވި އަލިފާން ނިއްވާލައިފި
ހ. ބެރަބެދިމާގޭ ގެ ދެވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ރޭ ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 23:25 ހާއިރުއެވެ. އެ މައުލޫމާތު ލިބުމާއެކު އެ ސާވިސްގެ ފަޔާފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވެއެވެ. އަދި ފަޔާފައިޓަރުން ކުރި މަސައްކަތުން، ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 00:39 ހާއިރު ކަމަށްވެސް އެ ފަރާތުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ނަމަވެސް، އެ ގޭގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އެއްވެސް ތަފްސީލެއް އެމްއެންޑީއެފްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
މާލޭ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން އަލިފާނުގެ ހާދިސާތައް ފަހަކަށް އައިސް ވަރަށްގިނައިން އެބަހިނގައެވެ.