ކުޅި ނޫޑްލްސްގެ ވިޔަފާރީގައި ކުރިހޯދުމަށް ދެކުނު ކޮރެއާގެ ނޮންގްޝިމްއިން 149 މިލިއަން ޑޮލަރުގެ ފެކްޓަރީއެއް އަޅަނީ
ދުނިޔޭގެ ބާޒާރުގައި ކުޅި ނޫޑްލްސްގެ ވާދަވެރިކަން ބޮޑުވެ، ދެކުނު ކޮރެއާގެ ނޮންގްޝިމް ކުންފުނިން 149 މިލިއަން ޑޮލަރުގެ އައު އެކްސްޕޯޓް ފެކްޓަރީއެއް ބިނާކުރަން ނިންމައިފިއެވެ.
ސަމްޔަންގް ފޫޑްސްގެ ކުޅި "ބުލްޑާކް" ނޫޑްލްސްއަށް ލިބެމުންދާ އާދަޔާ ޚިލާފު މަގުބޫލުކަމާއެކު، ދެކުނު ކޮރެއާގެ އެންމެ ދުވަސްވީ ނޫޑްލްސް ކުންފުނި ކަމަށްވާ ނޮންގްޝިމްއިން މި 200 ބިލިއަން ވޮންގެ ފެކްޓަރީ ބިނާކުރަނީ ބޫސާންގައެވެ. ދުނިޔޭގެ އެންމެ ހަލުވި އިންސްޓަންޓް ނޫޑްލްސް އުފައްދާ މެޝިނަރީތަކާއެކު ތަރައްގީކުރާ މި ފެކްޓަރީގެ ސަބަބުން، ނޮންގްޝިމްގެ އެކްސްޕޯޓް ކެޕޭސިޓީ 70 އިންސައްތަ އިތުރުވެ، އަހަރަކު 1.2 ބިލިއަން ޕެކެޓް ބޭރު ގައުމުތަކަށް ފޮނުވުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވި ކުޅި ނޫޑްލްސް ޗެލެންޖުތަކުގެ ސަބަބުން ސަމްޔަންގް ކުންފުނީގެ ބުލްޑާކް ނޫޑްލްސްގެ ވިޔަފާރި ވަނީ އިންތިހާއަށް ފުޅާވެފައެވެ. އެގޮތުން ސަމްޔަންގް ކުންފުނީގެ ޖުމްލަ އާމްދަނީގެ 80 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރު ލިބެނީ ބޭރުގެ މާކެޓްތަކުންނެވެ. މި ކާމިޔާބީއާއެކު ސަމްޔަންގްގެ މާކެޓް އަގު ވަނީ ނޮންގްޝިމްއަށްވުރެ ގާތްގަނޑަކަށް ހަތަރު ގުނަ ގިނަވެފައެވެ.
މި ވާދަވެރިކަމުގައި ފަހަތަށް ނުޖެހި އަލުން ކުރިހޯދުމަށްޓަކައި ނޮންގްޝިމްއިން ދަނީ އެ ކުންފުނީގެ މަޝްހޫރު "ޝިން ރާމިޔުން" ބްރޭންޑް ބައިނަލްއަގުވާމީ ބާޒާރުގައި އިތުރަށް ފުޅާކުރުމަށާއި، ޒުވާނުންނަށް އަމާޒުކޮށްގެން ސޫޕާ ނުލައި ކައްކާ އައު ވައްތަރުގެ ކުޅި ނޫޑްލްސް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންނެވެ. އަނެއްކޮޅުން ސަމްޔަންގް ކުންފުނިންވެސް ވިއެޓްނާމާއި ޗައިނާގައި އައު ފެކްޓަރީތައް ގާއިމުކުރަމުން ދާއިރު، ދެކުނު ކޮރެއާގެ މި ދެ ކުންފުނީގެ ވާދަވެރިކަމާއެކު ކޮރެއާގެ އިންސްޓަންޓް ނޫޑްލްސްގެ ވިޔަފާރި ދަނީ ރެކޯޑް މިންވަރަކަށް ކުރިއަރަމުންނެވެ.