ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި އަބްދުﷲ ޝާހިދުގެ ބަންދު އިސްތިއުނާފު އަޑުއެހުން ހައިކޯޓުން ކެންސަލްކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 30 ދުވަހަށް ބަންދުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ބަންދު މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މިއަދު މެންދުރުފަހަށް ތާވަލުކުރުމަށްފަހު، ހައިކޯޓުން ކެންސަލްކޮށްފިއެވެ.
ހައިކޯޓުން މައުލޫމާތު ދިން ގޮތުގައި، މިއަދު މެންދުރު 1:15 އަށް ތާވަލުކޮށްފައި އޮތް މި އަޑުއެހުން ކެންސަލް ކުރަން ޖެހުނީ އިދާރީ ސަބަބުތަކަކާ ގުޅިގެންނެވެ.
މި ހިނގާ ނޮވެމްބަރު މަހުގެ ކުރީކޮޅު ކޯޓު އަމުރެއްގެ ދަށުން އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކޮށް ދޫނިދޫ ޖަލަށް ގެންދިއުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އެ ނިންމުން ޝާހިދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅީ މި މަހުގެ 4 ވަނަ ދުވަހު ކަމަށްވާއިރު، އެ ކޯޓުން މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ފުލުހުން ބުނެފައިވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި ދައުލަތުގެ މަތީ އިއްޒަތް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި ކަމަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭ މައްސަލަތަކަކީ އާންމު އުސޫލުން ސިއްރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތްތަކަކަށް ވާތީ، މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ސިޔާސީ މަސްރަހާއި ދެކޮޅަށް ދެއްކި ވާހަކަތައް ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ސިޔާސީ މަގުސަދެއްގައި އޭނާގެ އަބުރު ކަތިލުމަށް ހިންގާ އެއްވެސް އަސްލެއް ނެތް ދޮގު ކެމްޕޭނެއް ކަމަށާއި، ސާބިތު ނުހިފޭ މިފަދަ ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޝާހިދު ހައްޔަރުކުރުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނުވަތަ މަގުސަދެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ޝާހިދުގެ މައްޗަށް މިފަދަ ސީރިއަސް ތުހުމަތެއް ކުރެވި ހައްޔަރުކޮށްފައި މިވަނީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، މާލެއާއި އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ކެމްޕޭން ހަރަކާތްތައް ފައްޓަވާފައި ވަނިކޮށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

