ކުޑަކުދިން އަނިޔާއިން ސަލާމަތްކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް މިނިސްޓްރީން ގޮވާލައިފި
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުން އެ ކުދިން ރައްކާތެރިކުރުމުގެ މަސައްކަތުގައި، މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ބައިވެރިވުން އިތުރުކޮށްދިނުމަށް އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފިއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމުގެ ދުވަހާ ގުޅުވައިގެން އެ މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ލޯތްބާއި ކުލުނު ލިބިގެންވާ އަދި ރައްކާތެރި މާހައުލެއްގައި ބޮޑުވުމަކީ ކޮންމެ ކުއްޖަކަށްމެ ލިބިގެންވާ އަސާސީ ހައްގެކެވެ. އަދި މި ދުވަހަކީ އެ ހައްގު ކަށަވަރުކޮށްދިނުމުގެ މުހިންމުކަން ހަނދާންކޮށްދޭ ދުވަހެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.
ކުޑަކުދިންނަށް ކުރިމަތިވާ އަނިޔާތަކުން އެ ކުދިން ހިމާޔަތްކުރުމަކީ އެންމެންގެ ވެސް ޒިންމާއެއްކަން ފާހަގަކުރަމުން މިނިސްޓްރީން ބުނީ، އަނިޔާ ލިބެމުންދާ ކުދިންގެ ފަރާތުން ފެންނަ ނިޝާންތައް ދެނެގަނެ، އެ ކަންކަމަށް ފާރަވެރިވުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. ހަމައެއާއެކު، ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގިއްޖެ ނަމަ، ލަސްނުކޮށް އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަންވީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއިން އެ ކުދިން ރައްކާތެރިކުރުމުގައި އަމިއްލަ ހިއްސާ އިތުރުކުރުމަށެވެ. އެގޮތުން، އަމިއްލަ ފަރާތުން ކުއްޖެއްގެ ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އެއްވެސް އަމަލެއް ނުހިންގުމުގެ އިތުރުން، އެހެން ފަރާތަކުން ކުއްޖަކަށް ދީފާނެ ގެއްލުމަކުން އެ ކުއްޖާ ސަލާމަތްކޮށް ހުއްޓުވުމަށް މަސައްކަތްކުރަން ޖެހެއެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދީ، އެ ކުދިން ތަހައްމަލު ކުރަމުންދާ ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް ދައުލަތުގެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރެވޭނީ މުޅި މުޖުތަމައުގެ އެއްބާރުލުމާއި ބައިވެރިވުން ލިބިގެން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.