ކޮންމެ ދިވެއްސެއްގެ ބޭންކް އެކައުންޓަށް ބޭރުފައިސާ ޖަމާކޮށްދެއްވުމަށް ސަރުކާރުން އާ ކުންފުންޏެއް އުފައްދަވައިފި
20 ވަނަ ރައްޔިތުންގެ މަޖިލީސް 2026 ވަނަ އަހަރަށް ހުޅުވައި ދެއްވުމަށް ބޭއްވުނު ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގެމަތިން ވަކިވަކި ފަރުދުންނަށް ސީދާގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުން މަންފާ ލިބޭނެ ޚާއްސަ ނިޒާމެއް ގާއިމުކުރުގެ ކަންކަން މެނޭޖްކޮށް ބަލަހައްޓާނެ ސަރުކާރުގެ ސަތޭކަ ޕަރސެންޓް ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.
އެ ދުވަހު ދެއްވި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކުރައްވާނެ ކަމަށެވެ. އަދި އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ކޮންމެ ދިވެއްސެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދެއްވާނެ ކަމަށެވެ.
މީގެއިތުރުން، މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރަކީ ކޮންމެ ދިވެހި ރައްޔިތެއް ކަމުގައި ގާނޫނަކުން ކަނޑައަޅުއްވާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2026/19 ގެ ދަށުން އުފެއްދެވި ކުންފުންޏެއް ކަމަށެވެ.
މިއީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ގުދުރަތީ ވަސީލަތްތަކުގެ އަގު މަތިކޮށް، އަންނަން އޮތް ޖީލުތަކަށް އެއިން އެންމެ އެދެވޭ ދިގުމުއްދަތުގެ ފައިދާ ލިބިދޭނެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ޑީ.އާރް.އެޗް.ސީ އުފެއްދެވުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމަށާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަގްވާމީ ފެންވަރުގެ ރިސޯޓުތައް ތަރައްގީކޮށް ހިންގުން ހިމެނެއެވެ.
މީގެއިތުރުން، ދިވެހި ރައްޔިތުންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ގައުމީ އިގްތިސާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ހަރުދަނާ އަދި ވާދަވެރި ވިޔަފާރީގެ ވެއްޓެއް ބިނާކުރުންވެސް މި ކުންފުނީގެ ލަނދުދަނޑިތަކުގެ ތެރޭގައި ހިމެނެއެވެ.