ކޮންމެ 5 އަހަރަކުން އެއްފަހަރު ތިލަވަމުން އަންނަ އިހަވަންދިއްޕޮޅުގެ ހުވަފެނީ ޓްރާންސިޕް ބަނދަރަށް ނިމުމެއް؟
ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ޒަމާންވީ ތަސައްވުރު ހަގީގަތަކަށް ހަދަން، ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫދާބީގެ ސާހް ގުރޫޕާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އަބޫދާބީގެ ސާހް ގްރޫޕް ފޮ ޓެކްނިކަލް ސަވިސަސް އެލްއެލްސީ (ސާހް ގްރޫޕް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ހިމެނޭހެން ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް އަދި އިގްތިސާދީ މައި މަރުކަޒެއް ގާއިމުކުރުމަށް ރާއްޖެއިން ޒަމާނުއްސުރެ ދެކެމުން އައި ތަސައްވުރު ޙަގީގީތަކަށް ހެދުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިގްތިސާދީ ތަރައްގީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މުޙައްމަދު ސައީދަކީ ރާއްޖޭގެ އެންމެ އުތުރުގައިވާ ތުރާކުނަށް އުފަން ބޭފުޅެކެވެ.
އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމެވެ. އަދި ސާހް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ސީއީއޯ އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާ އެވެ.
އިގްތިސާދީ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އަދި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ގައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެވަޑައިގެންފައިވާ މުހިންމު ވަޢުދެކެވެ. އަދި "ވިޝަން 2040" ގެ ދުރު ރާސްތާ އިގްތިސާދީ ތަސައްވުރުގެ ދަށުން، ރާއްޖޭގެ އިގްތިސާދު އެހެން ދާއިރާތަކަށް ކުރިއަށް ގެންދިއުމަށް އެޅޭ ވަރުގަދަ ބިންގަލެކެވެ.
ސަރުކާރުން ފާހަގަކުރި ގޮތުގައި، އިންޓަނޭޝަނަލް މެރިޓައިމްގެ މައި މަގެއް ކަމުގައިވާ 8-ޑިގްރީ ޗެނަލްއާ ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ ޖިއޮގްރަފިކަލް ސަރަޙައްދުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ހިފުމަށް ލިބޭ ބޮޑު ފުރުސަތެކެވެ.
އޭގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި އިގްތިސާދީ ޙަރަކާތްތައް ފުޅާވެ، ސަރަޙައްދީ އަދި ބައިނަލްއަގްވާމީ ވިޔަފާރީގެ ވިއުގައިގައި ދިވެހިރާއްޖޭގެ ދައުރު ވަރުގަދަވާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އިހަވަންދިއްޕޮޅުގެ ވާހަކައަކީ ރައްޔިތުންނަށް އާވާހަކައެއް ނޫނެވެ. މިއީ މައުމޫނުގެ އެންމެފަހު ދައުރުން ފެށިގެން އޭގެފަހުން އައި ކޮންމެ ވެރިކަމެއްގައިވެސް ދައްކާ ވާހަކައެކެވެ. ޚާއްސަކޮށް އިންތިޚާބުތަކާ ކައިރިވާއިރު އިހަވަންދިއްޕޮޅުގައި ޓްރާންސިޓް ބަނދަރެއްގެ ވާހަކައިގެ އަޑު ގަދަވާނެއެވެ. ވެރިކަން ލިބުނަސް މިވާހަކައަށް އަމަލީ ސިފައެއް އައުމަކީ ދުރުކަމެކެވެ. މިއީ ސިޔާސީގޮތުން ރައްޔިތުން ހައްދާލަން ދައްކާ ވާހަކައެކެވެ.