ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެގެން ޕެންޝަން އޮފީހުގެ ސީއޯއޯ މަރިޔަމް ޝިއުނާ މަގާމުން ވަކިކޮށްފި
މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) އާ ހިލާފުވި މައްސަލައެއްގެ އެތެރޭގެ ތަހުގީގަކަށްފަހު، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މަރިޔަމް ޝިއުނާ މަގާމުން ވަކިކޮށްފި އެވެ.
ޕެންޝަން އޮފީހުގެ އޮފިޝަލަކު ވަނީ ޝިއުނާ މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި މި ނިންމުން ނިންމީ ފުރިހަމަ ތަހުގީގަކަށްފަހު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދިނުމަށްފަހު ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
ޝިއުނާ މަގާމުން ވަކިކޮށްފައިމިވަނީ، އިދާރީ މައްސަލައަކާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ސަސްޕެންޑުކޮށްފައި ހުންނަތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ފަހުންނެވެ. އޭނާ ސަސްޕެންޑުކުރި އިރު، އެ ފިޔަވަޅު އެޅި ވަކި ސަބަބެއް ޕެންޝަން އޮފީހުން އޭރު އާންމުކޮށް ހާމަކޮށްފައެއް ނުވެ އެވެ.
ރައްޔިތުންގެ ރިޓަޔަމަންޓް ފަންޑު ރައްކާތެރިކޮށް އިންވެސްޓްކުރުމުގެ ޒިންމާ އުފުލާ ދައުލަތުގެ މި މުއައްސަސާގެ އިސް މަގާމަކަށް މި ބަދަލު އައިސްފައިވަނީ، އެ އޮފީހުގެ އިދާރީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގަ އެވެ.
އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ޝިއުނާ، ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމާ ގުޅިވަޑައިގެންނެވީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އެ މަގާމުގައި އޭނާ ވަނީ އެ އޮފީހުގެ ކޯޕަރޭޓް އެފެއާޒް ޑިވިޝަންގެ އެންމެހައި މަސައްކަތްތައް ހިންގަވައި، ބެލެހެއްޓެވުމުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ.
ޕެންޝަން އޮފީހާ ގުޅިވަޑައިގަތުމުގެ ކުރިން ޝިއުނާ ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި ހެޔޮވެރިކަމުގެ ދާއިރާގައި އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އެގޮތުން އޭނާ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަމާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.
