ކޭޕް ކޯޑަށް ވެއްޓުނު މަޝްހޫރު މީޓިއޯއަކީ އިރުގެ ނިޒާމުގެ ބޭރުން އައި "އާދަޔާޚިލާފު މެހުމާނެއް": ސައިންސްވެރިންގެ ހޯދުންތައް ހާމަކޮށްފި
މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެމެރިކާގެ ކޭޕް ކޯޑް ބޭ (Cape Cod Bay) ސަރަހައްދުގެ މައްޗަށް ވެއްޓުނު ބޮޑު މީޓިއޯ (ހިލަގަނޑު) އާއި، އެކަމުން އުފެދުނު ބާރުގަދަ އަލިފާންގަނޑާއި ބޮޑު ގޮވުމުގެ (Fireball) ހަޤީޤަތް ދެނެގަތުމަށް އެމެރިކަރާއާއި ޔޫރަޕްގެ ސައިންސްވެރިން ގުޅިގެން ކުރި ދިރާސާގެ ނަތީޖާ ހާމަކޮށްފިއެވެ.
ރާޑަރާއި މޫސުމީ އޯބްޒަވޭޓަރީތަކުގެ ޑާޓާ އެއްކޮށްގެން ސައިންސްވެރިން ކުރި މަސައްކަތުން، މި ހިލަބުރި ދަތުރުކޮށްފައި އައި މަގު (Trajectory) ފަހަތަށް ޓްރެކްކޮށް ބެލިއިރު، މިއީ އާންމުކޮށް ގަވާއިދުން ދުނިޔެ ކައިރިން ފެންނަ ހިލަބުރިތަކާ ޚިލާފަށް އިރުގެ ނިޒާމުގެ އެންމެ ބޭރު ފަށަލަތަކުން (އެބަހީ ޖުޕިޓަރގެ ސަރަހައްދުން) ދަތުރުކޮށްފައި އައި އެއްޗެއްކަން ވަނީ ހޯދިފައެވެ.
މުހިންމު އިތުރު ތަފްސީލުތައް:
- ޖުޕިޓަރގެ ބާރުގަދަ ގްރެވިޓީ:
ސައިންސްވެރިން ވިދާޅުވާ ގޮތުގައި، މި ސޯލާރ ސިސްޓަމުގެ އެންމެ ބޮޑު ޕްލެނެޓް ކަމަށްވާ ޖުޕިޓަރ (Jupiter) ގެ ވަރުގަދަ ގްރެވިޓީގެ ބާރުގެ ސަބަބުން، މާސް އާއި ޖުޕިޓަރާ ދެމެދު އޮންނަ އެސްޓްރޮއިޑް ބެލްޓް (Asteroid Belt) ގައިވާ ކުދި ހިލަތަކުގެ މިސްރާބު ބަދަލުވެ، ދުނިޔޭގެ އޯބިޓް އާއި ދިމާއަށް ވެއްޓޭގޮތަށް ދަތުރު ބަދަލުވެގެން ދެއެވެ. މި ހިލަބުރި އައިސްފައިވަނީ އެފަދަ ދިގު، ކޮމެޓް-ފަދަ މަގެއް ހުރަސްކޮށެވެ.
2.ބާރުގަދަ ގޮވުމާއި ކޭޕް ކޯޑް ބޭއަށް ވެއްޓުން:
މި އޮބްޖެކްޓް ބިމުގެ ޖައްވުގެ ތެރެއަށް ވަދެގެން އައީ ގާތގަނޑަކަށް 1 މީޓަރުގެ ބޮޑު މިނެއްގައެވެ. ޖައްވުގެ ތެރޭގައި ބާރު ސްޕީޑެއްގައި ދަތުރުކުރުމުގެ ސަބަބުން އުފެދުނު ހޫނުކަމާއި ޕްރެޝަރުގެ ސަބަބުން، ބިމުން ފެށިގެން ގާތގަނޑަކަށް 31 މޭލު (50 ކިލޯމީޓަރު) މަތިން ހިލަގަނޑު ބޮޑު ގޮވުމަކާއެކު ފުނޑުފުނޑުވެގެން ގޮސްފައެވެ. މީގެ ސަބަބުން އެ ސަރަހައްދަށް ބާރުގަދަ އަޑުފަށްގަނޑެއް (Sonic Boom) އިވިގެންދިޔަ އިރު، އޭގެ ބައިތައް ވެއްޓިފައިވަނީ ކޭޕް ކޯޑް ބޭގެ ފެންގަނޑުގެ ތެރެއަށެވެ.
3.މިފަދަ ދިރާސާތަކުގެ މުހިންމުކަން:
ސައިންސްވެރިން ފާހަގަކުރާ ގޮތުގައި މިފަދަ ބޮޑެތި ބޮލައިޑް(ވަރަށް އަލިގަދަ އަދި ބާރުގަދަ ގޮވުމަކުން ގޮވާ މީޓްރޮއިޑް)ތައް ދުނިޔެއަށް ވެއްޓުމަކީ މަދު ކަމެކެވެ (މިދިޔަ އަހަރު މުޅި ދުނިޔެއިން ފާހަގަކުރެވުނީ މިފަދަ 3 ހާދިސާއެވެ). މިފަދަ ހާދިސާތައް ރަނގަޅަށް ދިރާސާކުރުމަކީ ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށާއި، ބިމުގެ ބޭރުން އަންނަ ޖައްވީ ހިލަތަކުގެ ފިޒިކަލް އަދި ކެމިކަލް ޕްރޮޕަޓީސް ދެނެގަތުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.