ކެފޭއެއްގައި ބަޔަކު ހިފަހައްޓައި އަނިޔާކުރި މައްސަލައިގައި 19 އަހަރުގެ ޒުވާނާގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި
ކެފޭއެއްގެ ތެރޭގައި ބަޔަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި، އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 19 އަހަރުގެ ޒުވާނާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން މިއަދު އިތުރު 20 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދުއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މާރާމާރީ ހިންގުމާއި، ބިރުދެއްކުމާއި، ޖިނާއީ މަޖުބޫރުކުރުވުމުގެ އިތުރުން ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތެވެ. ނަމަވެސް، ކޯޓުގެ މަޖިލީހުގައި އޭނާ ވަނީ އެ ހުރިހާ ތުހުމަތުތަކަކަށް އިންކާރުކޮށްފައެވެ.
އެންމެ ފުރަތަމަ އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 16 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ. އެ މުއްދަތު ހަމަވުމުން މިއަދު އަލުން ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދިފާއީ ވަކީލު އެދިވަޑައިގަތެވެ. އެހެންނަމަވެސް، ކޯޓުން ނިންމީ އަންނަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް، އިތުރު 20 ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށެވެ.
މި ޒުވާނާ ބަންދުގައި ބެހެއްޓުމަށް ބާރުދިނުމުގެ ގޮތުން ފުލުހުން ވަނީ ކޯޓަށް ގިނަ އަދަދެއްގެ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި އަނިޔާ ލިބުނު ފަރާތްތަކުގެ ބަޔާނާއި، މެޑިކަލް ރިޕޯޓުތަކާއި، ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯ ރިޕޯޓުގެ އިތުރުން ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތައް ހިމެނެއެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ކޯޓުގައި ވިދާޅުވީ ތުހުމަތުކުރެވޭ ޒުވާނާ ވަނީ ތިން ގަޑިއިރެއްހާއިރު ވަންދެން ކެފޭގެ ތެރޭގައި އަނިޔާ ލިބުނު ފަރާތްތައް ހުއްދަ ނޫން ގޮތުގައި ހިފަހައްޓާފައެވެ. އަދި އެ މީހުންގެ ފޯނުތައް ނުދީފިނަމަ ބިއްލޫރި ފުޅިއަކުން ޖަހާނެ ކަމަށް ބުނެ ބިރުދެއްކި ކަމަށާއި، އާންމުންގެ ކުރިމަތީގައި އަނިޔާ ލިބުނު މީހާގެ އަބުރާއި ގަދަރަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް ފޯނުން ވީޑިއޯ ކޮށްފައިވާ ކަމަށްވެސް އައިއޯއާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ.

