ކައުންސިލްތަކުގެ އިޚްތިޞާޞްގައިވާ ބިންތައް ސިޔާސީ ޙަރަކާތްތަކަށް ދޫނުކުރުމަށް އެލްޖީއޭއިން އަންގައިފި
ލޯކަލް ކައުންސިލްތަކުގެ ބެލެހެއްޓުމުގެ ދަށުގައިވާ ބިންތަކާއި ވަޞީލަތްތައް ސިޔާސީ ޕާޓީތަކުގެ އެކި އެކި ޙަރަކާތްތައް ހިންގުމަށް ބޭނުންކުރުން ހުއްޓާލުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އަންގައިފިއެވެ. މި އެންގުން އެންގިއިރު އެންމެ ބޮޑު އިދިކޮޅުޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (MDP) އިން ވަނީ މާލޭ ސިޓީ ކައުންސިލްގެ ހޯލުގައި އެޕާޓީގެ ކޮންގްރެސް ފަށާފައެވެ. MDP އިން ބުނެފައިވަނީ އެޕާޓީގެ ކޮންގްރެސް ބާއްވާނެ ތަނެއް ހޯދުމަށް ސަރުކާރުގައި އެދުމުން އެކަން ކޮށްދީފައި ނުވާކަމަށެވެ.
އެލްޖީއޭއިން އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި ކަމާގުޅޭ އުޞޫލުތަކަށް ޙަވާލާދީ ނެރުނު އެންގުމުގައި ބަޔާންކޮށްފައިވަނީ، ކައުންސިލްތަކުގެ އިޚްތިޞާޞްގައިވާ ބިންތަކާއި އިމާރާތްތަކީ ޢާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމަށާއި އިޖުތިމާޢީ މަންފާއަށް ޚާއްޞަކުރެވިފައިވާ ތަންތަން ކަމަށެވެ. އެހެންކަމުން، ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ނަފާވާގޮތަށް ނުވަތަ ސިޔާސީ އެއްވުންތަކާއި ޙަރަކާތްތައް ބޭއްވުމަށް އެފަދަ ތަންތަން ދޫކުރުމަކީ ޤާނޫނީ ގޮތުން ކައުންސިލްތަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، އެކި މީޑިއާތަކުންނާއި ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބައެއް ރަށްރަށުގެ ކައުންސިލްތަކުން ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކަށާއި ކެމްޕޭން ޙަރަކާތްތަކަށް ކައުންސިލްގެ ބިންތަކާއި މައިޒާންތައް ދޫކުރަމުންދާ ކަމުގެ ޝަކުވާތައް އެލްޖީއޭއަށް ވަނީ ހުށަހެޅިފައެވެ. އެލްޖީއޭގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްތަކުން އަމަލުކުރަނީ އާންމު މަޞްލަޙަތު އިސްކޮށް، ވަކި ފަރާތަކަށް ޖެހުމެއްނެތި، ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން ކަން ކަށަވަރުކުރުމެވެ.
މި ނިންމުމާ ގުޅިގެން، ދެން ހުރިހާ ކައުންސިލްތަކުންވެސް ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ކައުންސިލްގެ މިލްކިއްޔާތުގައިވާ ބިންތައް ދޫކުރުން ހުއްޓާލަންޖެހޭނެއެވެ. އަދި ސިޔާސީ ޙަރަކާތްތައް ހިންގުމަށް ޕާޓީތަކުން ބޭނުންކުރަންވާނީ އަމިއްލަ ފަރާތްތަކުގެ ބިންތަކާއި، އަމިއްލަ ޖަގަހަތައް ނުވަތަ ޤާނޫނީގޮތުން އެކަމަށް ޚާއްޞަކޮށް ހުއްދަދެވޭ އެހެނިހެން ވަޞީލަތްތައް ކަމަށްވެސް އެލްޖީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.
