ކައިވެނީގައި ލިބޭ ފްލެޓާއި މުދާ ދެމަފިރިންނަށް ހަމަހަމައަށް ބެހޭ ގޮތަށް އާއިލާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި.
މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.
ބިލު ހުށަހެޅުއްވި ސަބަބު ބަޔާންކުރައްވަމުން މެންބަރު ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރުމުގައި ކައިވެންޏަށާއި ދަރިން ތިބި އަދަދަށް ބަލައި ޕޮއިންޓް ދިން ނަމަވެސް، އެ ތަންތަން ރަޖިސްޓްރީ ކުރެވެނީ ހަމައެކަނި ފޯމު ހުށަހަޅާ ފަރާތުގެ ނަމުގައި ކަމަށެވެ. އަދި އޭގެ ސަބަބުން ދެމަފިރިން ވަރިވެ ވަކިވާ ހާލަތްތަކުގައި، އެ ފްލެޓަކީ އެކެއްގެ އަމިއްލަ މިލްކަކަށް ވެގެންދާތީ މުޅި އާއިލާއަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަން މެންބަރު ފާހަގަކުރެއްވިއެވެ.
މި ބިލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި ވަރިވުމުގެ ކުރިން ހޯދާފައިވާ މުދާ އަދުލުވެރިކަމާއެކު ބެހުމުގެ އުސޫލެއް މިހާރު ވެސް އޮތް ނަމަވެސް، ދައުލަތުގެ ސްކީމްތަކުން ލިބޭ ބޯހިޔާވަހިކަމާއި މުދަލާ މެދު އަމަލުކުރާނެ ސާފު އުސޫލެއް ގާނޫނުގައި ކަނޑައެޅިފައެއް ނެތެވެ.
އެހެންކަމުން، ގާނޫނަށް މި ގެނެވޭ އިސްލާހާއެކު، ދައުލަތުން ދޫކުރާ ބޯހިޔާވަހިކަމަކީ ދެމަފިރިންނާއި މުޅި އާއިލާގެ ހައްގު ފުރިހަމައަށް ކަށަވަރުވެގެންދާނެ އެއްޗަކަށް ބަދަލުވެގެންދާނެއެވެ.
