ކ. ހުރާ ކުޅީގައި ނޭޗާ ޕާކެއް ތަރައްގީކުރަން ބަޔަކު ހޯދަނީ
ކ. ހުރާގެ ގުދުރަތީ ވެށި ހިމާޔަތްކޮށް ދެމެހެއްޓުމާއެކު، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމާއި އިގްތިސާދީ އާ ފުރުސަތުތައް ރަށަށް ފަހިކޮށްދިނުމުގެ މަގުސަދުގައި، އެ ރަށު ކުޅި ސަރަހައްދުގައި ނޭޗާ ޕާކެއް ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލައިފި އެވެ.
ހުރާ ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަސައްކަތް ހަވާލުވާ ފަރާތުގެ އަމިއްލަ ތަކެތީގައި، "ޑިޒައިން އެންޑް ބިލްޑް" އުސޫލުންނެވެ.
މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި ހިނގާ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:20 ގެ ކުރިން އެ ރަށު ކައުންސިލް އިދާރާއަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އަދި މި ބީލަމާ ގުޅޭ އިތުރު ތަފްސީލު ހޯދަން ބޭނުންވާ ފަރާތްތަކަށް ކައުންސިލަށް އީމެއިލް ކޮށްގެން ނުވަތަ ފޯނުން ގުޅައިގެން އެ މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފަ އެވެ.
ގުދުރަތީ ގޮތުން ބޮޑު ކުޅިއެއް އޮންނަ ހުރާ އަކީ މިހާރު ވެސް ބޭރުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ، ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ ރަށެކެވެ. ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ގާއިމުކުރެވިފައިވާ މި ރަށަކީ، ބޭރުގެ ފަތުރުވެރިންގެ އިތުރުން ހަފްތާ ބަންދުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ވެސް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރާ މަގުބޫލު މަންޒިލެކެވެ.
