ކ. އަތޮޅު ރިސޯޓެއްގެ ލޯންޗެއްގައި ރޯވެ ކެޕްޓަން ފިހިއްޖެ، އައިޖީއެމްއެޗުގައި ފަރުވާދެނީ
ކާފު އަތޮޅުގެ ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އުޅަނދުގެ ކެޕްޓަނަށް ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ފަތިހު 5:30 ހާއިރު ރިޕޯޓްކުރެވުނު މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 3:00 އެހައިކަންހާއިރުއެވެ. އަލިފާން ރޯވި ވަގުތު ލޯންޗުގައި ހުރީ އުމުރުން 34 އަހަރުގެ ދިވެހި ކެޕްޓަން އެކަންޏެވެ.
މި ހާދިސާގައި ކެޕްޓަންގެ ކަރާއި މޭމަތީގެ އެކި ސަރަހައްދުތައް ފިހިފައިވާތީ، އޭނާއަށް އަންނަނީ އައިޖީއެމްއެޗުގައި އިތުރު ފަރުވާ ދެމުންނެވެ. އަދި އަލިފާނުގެ ސަބަބުން ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. ނަމަވެސް، ހާދިސާ ހިނގި ރިސޯޓުގެ ނަމާއި ލޯންޗަށް ލިބުނު ގެއްލުމުގެ ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެމްއެންޑީއެފްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައިވެސް ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި އަލިފާނުގެ 4 ހާދިސާއެއް ވަނީ ރިޕޯޓްކުރެވިފައެވެ.

