ޖަރުމަނުގައި "ޖެން-ޒީ" އިން ކުރިއަށްގެންދިޔަ މުޒާހަރާތައް ހަމަނުޖެހުމަށް ބަދަލުވެ، ފިހާރަތައް ލޫޓުވައިފި!
ޖަރުމަނުވިލާތުގެ ތަޢުލީމީ ދާއިރާއަށް ކުރާ ޚަރަދުތައް އިތުރުކުރުމަށާއި، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމުގެ އިތުރުން އަސްކަރީ ޚިދުމަތާ ދެކޮޅަށް "GenZ regelt!" (ޖެން-ޒީ އިސްނަގަނީ!) މޫވްމަންޓުން އިންތިޒާމުކޮށްގެން މުޅި ޤައުމުގައި ހިންގި މުޒާހަރާތައް ވަނީ ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ.
މި މުޒާހަރާތައް ކުރިއަށްދާ މައިގަނޑު ސަބަބަކީ، އިންފްލޭޝަނާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވަމުންދާއިރު ސަރުކާރުން ތަޢުލީމީ ދާއިރާއާއި ސިއްޙީ ޚިދުމަތްތަކުގެ ބަޖެޓު ކަނޑައި، ޒުވާނުންގެ މުސްތަޤްބަލާމެދު އިހުމާލުވަމުންދާ ކަމަށް ބުނެއެވެ. އަދި އަސްކަރިއްޔާއަށް ބިލިއަން ޑޮލަރު ޚަރަދުކޮށް، އިޖުބާރީ އަސްކަރީ ޚިދުމަތް (Conscription) އަލުން ތަޢާރަފުކުރުމަށް ކުރާ މަސައްކަތްތަކާ ދެކޮޅުހެދުމާއި، ތިމާވެށީގެ މައްސަލަތަކުގައި އެދެވޭ ފިޔަވަޅުތަކެއް ނޭޅުން ފަދަ ކަންކަމުގައި ޒުވާނުންގެ އަޑު އިއްވައި ސަރުކާރުތަކަށް ނުފޫޒު ފޯރުވުމަކީވެސް މި މުޒާހަރާތަކުގެ މުހިންމު ބޭނުމެކެވެ.
Gen Z regelt
މި ހަރަކާތަކީ ފްރާންސް، ސްޕެއިން އަދި އިޓަލީ ފަދަ ވިލާތުގެ އެހެން ޤައުމުތަކުގައި ދިރިއުޅުމުގެ ޚަރަދުތަކާއި ތަޢުލީމީ ނިޒާމާ ދެކޮޅަށް ޒުވާނުން ފަށާފައިވާ ވަރުގަދަ އިހުތިޖާޖުތަކާއި އިންގިލާބީ ހަރަކާތްތަކުން އުފެދިގެން އައި މޫވްމަންޓެކެވެ. ޖަރުމަނުގެ ކުރިން ފްރާންސްގެ ޕެރިހާއި އިޓަލީގެ ސިޓީތަކުގައިވެސް ޒުވާނުން ވަނީ މަގުތަކަށް ނުކުމެ، ސަރުކާރުތަކުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލައި ބޮޑެތި މުޒާހަރާތަކެއް ހިންގާފައެވެ.
This is multicultural Germany, Frankfurt right now. Mob smashes several store, loots sneakers and runs through the streets with stolen boxes. This is not a protest. This is pure criminality. https://t.co/sTk8WsNWbB
— RadioGenoa (@RadioGenoa) October 31, 2026
ދުވަލުގެ ވަގުތުތަކުގައި 100,000 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވި މި މުޒާހަރާތައް ސުލްހަވެރިކޮށް ދިޔަނަމަވެސް، އިރުއޮއްސި ރޭގަނޑުވުމާއެކު ފްރެންކްފަޓް، ހެމްބާގް، ކޮލޯން އަދި ބާލިން ފަދަ ބޮޑެތި ސިޓީތަކުގައި ހަމަނުޖެހުން ބޮޑުވިއެވެ. ޚާއްޞަކޮށް ފްރެންކްފަޓްގެ ސިޓީ ސެންޓަރުގައި ހުންނަ ބައެއް ފިހާރަތަކުގެ ބިއްލޫރިގަނޑުތައް ތައްޔާރީ ނޫން ގޮތަކަށް ތަޅާލައި، ބޫޓު ފިހާރަތަކާއި، ސެންޓު ފިހާރަތަކުގެ އިތުރުން ހަތިޔާރު ވިއްކާ ފިހާރައެއްގެ ބިއްލޫރިގަނޑު ހަލާކުކޮށްލައި ތަކެތި ވަނީ ލޫޓުވާފައެވެ.
މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ މަގުތަކުގައި ހުރި ބެރިކޭޑުތަކުގައި ރޯކޮށް، ފުލުހުންނާއި އިމަޖެންސީ ޚިދުމަތްތެރިންނާ ދިމާއަށް އުކާ ގޮވާތަކެއްޗާއި (މޮލޮޓޯވް ކޮކްޓެއިލް)، އުއްބަތި އަދި ފުޅި އުކާފައެވެ. މީގެ ސަބަބުން ބައެއް ފުލުހުންނަށް އަނިޔާވެފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ކަރުނަގޭސް އަދި ވޯޓަރ ކެނަން ބޭނުންކޮށްގެން އެއްވުންތައް ރޫޅާލުމަށް މަސައްކަތްކޮށްފައެވެ.
މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކުން ބުނެފައިވަނީ އެމީހުންގެ ހަރަކާތަކީ ސުލްހަވެރި ހަރަކާތެއް ކަމަށާއި، އަނިޔާވެރިކަމާއި ލޫޓުވުމުގެ އަމަލުތައް ހިންގީ އެ ހަރަކާތުގެ ނަންބޭނުންކޮށްގެން ވަދެގަތް އެކްސްޓްރީމިސްޓް (ހައްދުފަހަނައެޅި) ގްރޫޕްތަކުން ކަމަށެވެ. ޖަރުމަނު ފުލުހުން ވަނީ މި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައެވެ.