News Featured

ޖަޕާނުގެ އަންހެނަކު މަރާލިކަމުގެ ތުހުމަތު އެމެރިކާގެ ސިފައިންގެ މީހަކަށް ކޮށްފި

Advertisement
ޖަޕާނުގެ އަންހެނަކު  މަރާލިކަމުގެ ތުހުމަތު އެމެރިކާގެ ސިފައިންގެ މީހަކަށް ކޮށްފި
ފޮޓޯ: ރޮއިޓާސް
ތަފްޞީލް

ޖަޕާނުގެ އޮކިނާވާގައި އެ ގައުމުގެ އަންހެނަކަށް ހަމަލާދީ މަރާލުމަށް ފަހު ފޭރުނުކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ އާދީއްތަ ދުވަހު އެމެރިކާއަށް ރަސްމީކޮށް އިހުތިޖާޖު ހުށަހަޅައިފިއެވެ.


ފުލުހުން ބުނެފައިވާ ގޮތުގައި، ޖަޕާނުގެ އެންމެ ދެކުނުން އޮންނަ އޮކިނާވާ ޕްރިފެކްޗާގެ ވެރިރަށް ނަހާގެ ހޮޓަލެއްގެ ތެރޭގައި، އުމުރުން 39 އަހަރުގެ އަންނާ ޔާގީ މަރާލުމަށް ފަހު އޭނާގެ ވޮލެޓާއި ދަބަސް ފޭރުނު ކަމުގެ ތުހުމަތު ކުރެވެނީ އުމުރުން 20 އަހަރުގެ ޑެވިން ޖެކޮބް ބެލާޑްގެ މައްޗަށެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު ކަމަށްވާއިރު، ބެލާޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށްވަނީ އިންކާރުކޮށްފަ އެވެ.


މި މައްސަލާގައި ޖަޕާނު ސަރުކާރުން ރަސްމީކޮށް ނުރުހުން ފާޅުކޮށްފައިވާ ކަމަށާއި، މި ކަމުގެ ތަހުގީގަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ޓަކައިޗީ ވިދާޅުވި އެވެ. މީގެ އިތުރުން، ސިފައިންގެ އަޚުލާގީ މިންގަނޑުތައް ހަރުދަނާކުރުމަށާއި، މިފަދަ އަނިޔާވެރި އަމަލެއް ހިނގުމަކީ އިންތިހާއަށް ހިތާމަހުރި ކަމެއްކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ވެސް ބޮޑުވަޒީރު ވަނީ ގޮވާލައްވާފަ އެވެ.


މި ހާދިސާއާ ގުޅިގެން ޖަޕާނުގައި ހުންނަ އެމެރިކާގެ އެމްބަސީ އާއި މެރިން ކޯޕްސް އިން ވަނީ ތައުޒިޔާ ފޮނުވާފަ އެވެ. އަދި މި ތުހުމަތުތައް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށާއި ކޮންމެ މެރިން ސިފައިންގެ މީހަކީ ވެސް އަޚުލާގީ އެންމެ މަތީ މިންގަނޑުތަކަށް ތަބާވާންޖެހޭނެ ބައެއް ކަމަށް ވެސް ބުނެފައިވެ އެވެ.


1995 ވަނަ އަހަރުވެސް އެމެރިކާ ސިފައިންގެ 3 މީހަކުވެގެން އޮކިނާވާގެ 12 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ހާދިސާއާ ގުޅިގެން އެ ގައުމުގައި ބޮޑެތި މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. ގައުމުތަކުގައި ގާއިމުވެގެންތިބޭ ބޭރުގައުމުތަކުގެ މީހުންގެ ފަރާތުން މިފަދަ ނޭދެވެ ކަންކަން ހިންގުމަކީ އެމީހުން ގާއިމުވެ ތިބޭ ގައުމަތަކުގެ މިނިވަންކަމަށް އޮތް ބޮޑު ބިރުވެރި ކަމެކެވެ. 



Share this article: Facebook Twitter WhatsApp
Related Articles