ޖަލުތަކުގައި ތިބި މީހުންނަށް ތަމްރީނު ދިނުމަށް މޯލްޑިވްސް ރެޑް ކްރެސެންޓާއި ކަރެކްޝަނަލް ސަރވިސްއާ ދެމެދު އެއްބަސްވުމެއް
ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ މީހުންނާއި، ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަށް ހާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށްޓަކައި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ޖަލުގައި ތިބޭ މީހުން މުޖުތަމައަށް އަނބުރާ ނުކުތުމަށް ތައްޔާރުކުރުމުގެ ގޮތުންނާއި، އިންސާނީ އެހީތެރިކަމުގެ ދާއިރާއިން އެމީހުންގެ ގާބިލުކަން އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ފުރަތަމަ އެހީ (First Aid) ފޯރުކޮށްދިނުމުގެ ތަމްރީނުތަކާއި، ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން (Psychosocial Support) ފޯރުކޮށްދިނުމުގެ އިތުރުން، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ހިމެނެއެވެ.
މީގެ އިތުރުން، ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށާއި، ބަންދުގައި ތިބޭ މީހުންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް ހާއްސަކޮށްގެން އިންސާނީ އެހީތެރިކަމުގެ ދާއިރާއިން ބޭނުންވާ ތަމްރީނުތައް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
