Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރާ މާއްދާގެ މާނައާ މެދު ޕީއެންސީއާއި އެމްޑީޕީ މެންބަރުންގެ މެދުގައި މަޖިލީހުގައި ހޫނު ބަހުސެއް

އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރާ މާއްދާގެ މާނައާ މެދު ޕީއެންސީއާއި އެމްޑީޕީ މެންބަރުންގެ މެދުގައި މަޖިލީހުގައި ހޫނު ބަހުސެއް
Photo: މަޖިލީހުގެ އިދާރާ
ތަފްޞީލް

އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް އާ އިމިގްރޭޝަން ބިލުގައި ހިމަނާފައިވާ މާއްދާ، ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ދެ ގޮތަކަށް މާނަކުރެވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޫނު ބަހުސެއް ހިނގައިފިއެވެ.


ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު މަޖިލީހަށް ހުށަހެޅުއްވި އިމިގްރޭޝަން ޤާނޫނު އަލުން އެކުލަވާލުމުގެ ބިލަށް ބަހުސްކުރައްވަމުން، އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވީ އެ ބިލު އޮތް ގޮތުން ޑުއަލް ޕާސްޕޯޓް (ދެ ޤައުމެއްގެ ޕާސްޕޯޓް) ގެންގުޅޭ އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާނުވާ ކަމަށެވެ.


މީކާއީލް ފާހަގަކުރެއްވި ގޮތުގައި އިޒްރޭލީ ޑިފެންސް ފޯސްގެ 80 އިންސައްތަ ސިފައިންނަކީ ޑުއަލް ޕާސްޕޯޓް ގެންގުޅޭ މީހުންނެވެ. އެހެންކަމުން، ހަމައެކަނި އިޒްރޭލު ޕާސްޕޯޓުގައި އައުން މަނާކުރި ނަމަވެސް، އެހެން ޤައުމެއްގެ ޕާސްޕޯޓުގައި އެ މީހުންނަށް މިހާރުވެސް ރާއްޖެއަށް އެތެރެވުމުގެ ފުރުޞަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.


"މިއަދުވެސް، އަޅުގަނޑުމެން މި ބަހުސްކުރާ މިދަނޑިވަޅު ވެސް މި ރާއްޖެއަށް އިޒްރޭލު ރައްޔިތުން އެތެރެވޭ، އިއްޒަތްތެރި ރައީސް، މިއީ ފެކްޓެއް،" މީކާއީލް ވިދާޅުވިއެވެ. އަދި ސަރުކާރުން މިފަހަރުވެސް އިމިގްރޭޝަން ބިލުގައި އެ މާއްދާ ހިމަނާފައިވަނީ ހަމައެކަނި ނަމެއްގައި އިޒްރޭލު މީހުން މަނާކުރާކަން ދެއްކުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.


މީކާއީލްގެ ވާހަކައަށް ތާއީދުކުރައްވައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވެސް ވިދާޅުވީ، ޑުއަލް ޕާސްޕޯޓް ގެންގުޅޭ އިޒްރޭލު މީހުން ރާއްޖެ އައުން އެ ބިލުން ނުހުއްޓުވޭނެ ކަމަށެވެ.

ނަމަވެސް، އެމްޑީޕީ މެންބަރުންގެ މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ޕީއެންސީގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ވިދާޅުވީ، އާ ބިލުގެ ދަށުން އިޒްރޭލު ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް އެހެން ޕާސްޕޯޓެއްގައި ވެސް ރާއްޖެއަށް ނާދެވޭނެ ކަމަށެވެ.


މުޞްޠަފާ ހަވާލާދެއްވީ އެ ބިލުގެ 46 ވަނަ މާއްދާގެ (މ) އަށެވެ. ރާއްޖެއަށް އައުމުގެ ހުއްދަ ނުދެވޭނެ މީހުންގެ ލިސްޓު ބަޔާންކުރާ އެ މާއްދާގައި އޮތީ "އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ ފަރާތްތައް" މިހެންނެވެ.

މުޞްޠަފާ ވިދާޅުވި ގޮތުގައި، މީގެ ކުރިން ޤާނޫނަށް ގެނައި އިޞްލާޙުން މަނާކުރީ ހަމައެކަނި 'އިޒްރޭލު ޕާސްޕޯޓް' ކަމަށްވާތީ، ދެވަނަ ޕާސްޕޯޓެއްގައި އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވަމުން ދިޔަކަން އޭނާ ވެސް ޤަބޫލުކުރައްވައެވެ. ނަމަވެސް އާ ބިލުގައި މަނާކުރަނީ ޕާސްޕޯޓުގެ ބަދަލުގައި "އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ ފަރާތްތައް" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


"މިހާރު މި ޤާނޫނުން އަޅުގަނޑުމެން މި މަނާކުރަނީ އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް މި ރާއްޖެއަކަށް ނުވަދެވޭނެ، އޭގެ މާނައަކީ ދެވަނަ ޕާސްޕޯޓެއް ހިފައިގެނެއް ވެސް ތިން ވަނަ ޕާސްޕޯޓެއް ހިފައިގެނެއް ވެސް މިތަނަކަށް ނުވަދެވޭނޭ،" މުޞްޠަފާ ވިދާޅުވިއެވެ. މީގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވެސް ވިދާޅުވީ، މި ބިލު ޤާނޫނަކަށް ވުމުން އިޒްރޭލު މީހުންނަށް ރާއްޖެ އައުމުގެ އެއްވެސް ދޮރެއް ހުޅުވިފައި ނޯންނާނެ ކަމަށެވެ.


އިމިގްރޭޝަން ބިލުގެ އިތުރުން، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ރިއަލްއެސްޓޭޓް ބިލުގައި ވެސް މިކަމާ ގުޅޭ މުހިންމު މާއްދާއެއް ވަނީ ހިމަނާފައެވެ. އެ ބިލުގައިވާ ގޮތުން، އިމިގްރޭޝަން ޤާނޫނުގެ ދަށުން ރާއްޖެ އައުން މަނާ އެއްވެސް ފަރާތަކަށް ރާއްޖޭގެ އިންޓަގްރޭޓެޑް ރިއަލްއެސްޓޭޓް ޒޯނަކުން ޕްރޮޕަޓީ ގަތުމާއި އިންވެސްޓް ކުރުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. މީގެ އިތުރުން، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ ނުވަތަ މައްސަލައެއްގެ ދަޢުވާ ލިބޭ ފަރާތަކަށް ވެސް ރާއްޖެއިން ޕްރޮޕަޓީއެއް ނުގަނެވޭނެއެވެ.


މި އުޞޫލުގެ ދަށުން، ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ ރިއަލްއެސްޓޭޓް މަޝްރޫޢުގައި އިޒްރޭލު ޕާސްޕޯޓް އޮންނަ އެއްވެސް ފަރާތަކަށް ބައިވެރިވެ، ޕްރޮޕަޓީ ގަތުމުގެ ފުރުޞަތެއް ނޯންނާނެއެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9We build digital futuresWebsites · Mobile apps · E-commerce · Digital marketing
  • Websites that convert
  • iOS & Android apps
  • E-commerce stores
  • SEO & digital marketing
☎ 777 3818Talk to us →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all