އިޓަލީގެ މައްޗަށް ފަހަތުން އަރައި ކުރިހޯދައި، ބެލްޖިއަމް އިން ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އެއަށްފަހު، ބްރެންޑަން މެޝޭލް ބޮލުން ފޮނުވާލި ހަމަލާ ދިފާޢުކުރުމުން ލިބުނު ބޯޅައިން ނޭތަން އެންގޯއީ ވަނީ އޭނާގެ ފުރަތަމަ ބައިނަލްއަޤްވާމީ ލަނޑު ކާމިޔާބުކޮށް، އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ބެލްޖިއަމްއަށް ލީޑު ނަގައިދީފައެވެ.
ބެލްޖިއަމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖެރެމީ ޑޮކޫއެވެ. އޭނާ ވަނީ އިޓަލީގެ ގިނަ ޑިފެންޑަރުންތަކެއް ކައިރިން ނައްޓާލުމަށްފަހު، މެންޗެސްޓަރ ސިޓީގައި އޭނާއާއެކު ކުޅޭ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުންމާގެ ކައިރިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ. އަދި ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ޑިއޭގޯ މޮރެއިރާ ވަނީ ބެލްޖިއަމްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މެޗުގެ ފަހުކޮޅު އިޓަލީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، މެންޗެސްޓަރ ޔުނައިޓެޑްގެ ކީޕަރު ސެނެ ލަމެންސް ވަނީ އެސްޕޮސީޓޯ ފޮނުވާލި ޕެނަލްޓީ ހުޝިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.
މާކް ވެން ބޮމެލްގެ އިރުޝާދުގެ ދަށުން ކުޅޭ ބެލްޖިއަމް ގްރޫޕް އޭ1 ގެ ދެވަނަ ހޯދީ، 2-1 އިން ތުރުކީ ބަލިކޮށް އެއްވަނަ ހޯދި ފްރާންސްގެ ފަހަތުންނެވެ.
މީގެ ތިން ދުވަސް ކުރިން 3-1 އިން ފްރާންސް ބަލިކުރި ރޮބާޓޯ މަންޗިނީގެ އިޓަލީ ގްރޫޕްގެ ތިންވަނައިގައި ނިންމާލި ނަމަވެސް، އެ ޓީމު ވަނީ ރެލިގޭޝަނުން ސަލާމަތްވެފައެވެ.
