Ad #82027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
News Featured

އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ޒުވާން ގޯލްކީޕަރު މަހްމޫދު އަބްދުލްމާލިކް ޝަހީދުވެއްޖެ

އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ޒުވާން ގޯލްކީޕަރު މަހްމޫދު އަބްދުލްމާލިކް ޝަހީދުވެއްޖެ
Photo: mulhirajje
ތަފްޞީލް

ޣައްޒާއަށް އިސްރާއީލު ސިފައިން ދެމުންގެންދާ ވައިގެ ހަމަލާތަކުގެ ތެރެއިން، އަންގާރަ ދުވަހު ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ސަބްރާ އަވަށަށް އަމާޒުވި ހަމަލާއެއްގައި ފަލަސްތީނުގެ އުންމީދީ ޒުވާން ގޯލްކީޕަރު މަހްމޫދު ކަމާލް ފާރިސް އަބްދުލްމާލިކް ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ހާމަކޮށްފިއެވެ.


އުމުރުން 20 އަހަރުގެ އަބްދުލްމާލިކަކީ ޣައްޒާ ސްޕޯޓްސް ކްލަބުގެ ސީނިއާ ޓީމުގެ މައި ގޯލްކީޕަރުގެ އިތުރުން އެ ޓީމުގެ ކެޕްޓަންކަންވެސް ކުރަމުން އައި ކުޅުންތެރިއެކެވެ. ޕީއެފްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޭނާއަކީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ އުދުވާނުގައި ޝަހީދުކޮށްލެވުނު ކުޅިވަރު ދާއިރާގެ 1,017 ވަނަ ފަރާތެވެ.


އަބްދުލްމާލިކް ޝަހީދުވެފައި މިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް ޝަހީދުވި ކުޅުންތެރިންނާއި ކުޅިވަރު އޮފިޝަލުންގެ ހަނދާނުގައި ބޭއްވި "ތައުޒަންޑް މާޓާސް ކަޕް" މުބާރާތުގެ ފައިނަލް މެޗުގައި އޭނާ ކުޅުނުތާ އެންމެ ފަސް ދުވަސް ފަހުންނެވެ. ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން ލުބުނާނުގައި ހުންނަ ރެފިއުޖީ ކޭމްޕުތަކުން 200 އަށް ވުރެ ގިނަ ޓީމު ވާދަކުރި މި މުބާރާތުގެ ޣައްޒާ އަދި އުތުރު ޣައްޒާ ބައިގެ ރަނަރަޕްކަން (ދެވަނަ މަގާމު) ހޯދީ އޭނާގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ޣައްޒާ ސްޕޯޓްސް ކްލަބުންނެވެ. މި މުބާރާތާ ގުޅޭގޮތުން ޕީއެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް ވިދާޅުވީ، މި ހަރަކާތުން ދައްކުވައިދެނީ ފަލަސްތީނު ރައްޔިތުންގެ އަޒުމާއި ސާބިތުކަމަށް ގުޑުމެއް ނާންނާނެކަން ކަމަށާއި، ކުޅިވަރަކީ އަބަދުވެސް އުންމީދާއި ދިރުމުގެ ރަމްޒެއްގެ ގޮތުގައި ދެމިއޮންނާނެ އެއްޗެއް ކަމަށެވެ.

މި ހާދިސާގެ ކުޑަ ދުވަސްކޮޅެއް ކުރިން، ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގައި އެކުވެރިންނާއެކު ބޯޅަ ކުޅެން ހުރި އުމުރުން 15 އަހަރުގެ މުހައްމަދު ނިދާލް ބަރްބަކްގެ ގަޔަށްވެސް އިސްރާއީލު ސިފައިން ވަނީ ބަޑިޖަހައި ޝަހީދުކޮށްލާފައެވެ. ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާއިރުވެސް، ފީފާއިން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އެ އިދާރާއަށް އަމާޒުވެފައެވެ.


އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ ކުޅިވަރު އިންފްރާސްޓްރަކްޗާއަށްވެސް ވަނީ އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ޣައްޒާގައި ހުރި 56 ކުޅިވަރު ކްލަބުގެ ތެރެއިން 50 އަށް ވުރެ ގިނަ ކްލަބާއި، ފީފާގެ އެހީގައި ތަރައްގީކޮށްފައިވާ 20 ފުޓްސަލް ދަނޑު ވަނީ މުޅިން ބިމާ ހަމަކޮށްލާފައެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2023 އޮކްޓޫބަރު 7 އިން ފެށިގެން އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 74,645 އަށް ވުރެ މައްޗަށް އަރާފައެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all