އިސްރާއީލު ޕާސްޕޯޓު މަނާކުރުމާއި ދެ ޕާސްޕޯޓު އޮންނަ މީހުންނަށް އިންވެސްޓް ނުކުރެވޭ ގޮތަށް ޤާނޫނުތަކަށް އިސްލާޙު ހުށަހަޅައިފި
އިސްރާއީލުގެ ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ދިވެހިރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަންގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، މިއީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖެއިން ގެންގުޅޭ ސާފު ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށެވެ.
މީގެ އިތުރުން، އިސްރާއީލުގެ ރައްޔިތުކަން އޮތް ނަމަވެސް އެހެން ޤައުމެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތު ނުލިބޭނެ ގޮތް ހެދުމަށްޓަކައި، އަލަށް ހުށަހަޅާ ރިއަލް އެސްޓޭޓް ބިލުގެ ދަށުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި އިންވެސްޓްކުރާ މީހުންގެ ކޭވައިސީ(KYC) ބެލުމުގެ ތެރެއިން، އިސްރާއީލުގެ ރައްޔިތުންނާއި ކުންފުނިތަކަށް އިންވެސްޓްކުރުން އެއްކޮށް ބަންދުކުރެވޭނެއެވެ.
