އިންތިޚާބީ ނާކާމިޔާބީގެ ފަހަތުގައި އީރާން ހަނގުރާމަ އޮތްކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފި — ކޮންގްރެސްގެ ބާރު ޑިމޮކްރެޓުން ނަގައިފި!
އަމެރިކާގައި ބޭއްވުނު މިޑްޓާރމް (މެދުއާރާ) އިންތިޚާބުގައި ރިޕަބްލިކަން ކޮމިޓީއަށް ކުރިމަތިވި ތާރީޚީ ނާކާމިޔާބީއަށްފަހު، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަކީ އެ ނާކާމިޔާބީގެ މުހިންމު ސަބަބެއްކަމަށް އިއުތިރާފްވެވަޑައިގެންފައެވެ. ފޮކްސް ނިއުސް އަދި ވޯލް ސްޓްރީޓް ޖާނަލްއަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ "އޭގެ އެއްބަޔަކީ އީރާން" ކަމަށެވެ. ނަމަވެސް، އެ ނިންމެވުމާމެދު ދެރަނުވާ ކަމަށާއި، އަލުން ނިންމަން ޖެހުނަސް ނިންމަވާނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިންތިޚާބުގައި ޑިމޮކްރެޓިކް ކޮމިޓީން ވަނީ ބޮޑު "ބްލޫ ވޭވް" ކާމިޔާބީއެއް ހޯދައި، ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސް (ޤާނޫނުހަދާ މަޖިލީހުގެ ދެގޭގެ) އަޣުލަބިއްޔަތު ނަގާފައެވެ.
އިންތިޚާބުގެ ނަތީޖާއާއެކު ޑިމޮކްރެޓުންނަށް މަޖިލީހުގެ ދެގޭގެ އަޣުލަބިއްޔަތު ލިބުމުން، ވައިޓް ހައުސްގެ ރަސްމީ "އެކްސް" (X) އެކައުންޓުން ވަނީ އޯވަލް އޮފީހުގައި ރައީސް ޓްރަމްޕް އިންނަވާ ފޮޓޯއަކާއެކު "އާންމު ސަމާލުކަމަށް: ޓްރަމްޕަކީ އަދިވެސް ތިޔަބޭފުޅުންގެ ރައީސް" ކަމަށް ލިޔެ މެސެޖެއް އާންމުކޮށްފައެވެ. އަދި އެ މެސެޖު ނިންމާލަމުން، "މިކަމަށް ދެއްވި ސަމާލުކަމަށް ޝުކުރިއްޔާ" ކަމަށް ބުނެފައިވެއެވެ. މިއީ މަޖިލީހުގެ އަޣުލަބިއްޔަތު ބަދަލުވި ނަމަވެސް، ކުރިއަށްއޮތް ދެ އަހަރުވެސް ވެރިކަމުގެ ބާރުތަކާއެކު ދެމިއޮންނާނީ ޓްރަމްޕްގެ ސަރުކާރުކަން ހަނދާންކޮށްދިނުމުގެ ގޮތުން އާންމުކުރި މެސެޖެކެވެ.
Thank you for your attention to this matter. https://t.co/Q1ZGYM7idV
— The White House (@WhiteHouse) November 4, 2026
- މުހިންމު ކާމިޔާބީތައް: ޓެކްސަސްގެ ސެނެޓް ގޮނޑި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޭމްސް ތާލަރީކޯ ކާމިޔާބުކުރެއްވިއިރު، ކަންސާސްއިން 94 އަހަރަށްފަހު ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް ސެނެޓަރެއްގެ ގޮތުގައި އެޑަމް ހެމިލްޓަން ވަނީ އިންތިޚާބުވެފައެވެ. މީގެ އިތުރުން ސައުތު ކެރޮލައިނާ އަދި ނޯތު ކެރޮލައިނާ ފަދަ ރިޕަބްލިކަން ކެންޑިޑޭޓުންގެ ބާރުބޮޑު ގޮނޑިތައްވެސް ވަނީ ޑިމޮކްރެޓުން ކާމިޔާބުކޮށްފައެވެ.
ޓްރަމްޕްގެ ރައްދު އަދި ސަޕޯޓަރުންގެ މޫޑު: އިންތިޚާބުގެ ކުރިން "އަހަރެން ކެންޑިޑޭޓެއްގެ ގޮތުގައި ބަލައިގެން ވޯޓުދެއްވާ" ކަމަށް ބުނެ ކެމްޕޭން ކުރެއްވި ނަމަވެސް، ނަތީޖާ ސާފުވުމާއެކު ޓްރަމްޕް ވަނީ ވާހަކަ ބަދަލުކުރައްވާފައެވެ. އޭނާގެ ސޯޝަލް މީޑިއާގައި ވިދާޅުވީ "އަހަރެން ބެލެޓް ކާޑުގައި ނެތިން، އަހަރެން އިންނަމަ ބޮޑު ތަފާތަކުން މޮޅުވީސް" ކަމަށެވެ. އަދި ނާކާމިޔާބީގެ އިލްޒާމު ބައެއް ރިޕަބްލިކަން ކެންޑިޑޭޓުންގެ ބޮލުގައި އެޅުއްވިއެވެ.
މި ނަތީޖާއާއެކު ޓްރަމްޕްގެ ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު މާޔޫސްކަމަކާއި ހައިރާންކަމެއް އުފެދިފައެވެ. ޚާއްޞަކޮށް އީރާނާއެކު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވެ، އިޤްތިޞާދަށް ކުރި އަސަރުތަކާމެދު ސަޕޯޓަރުންގެ މެދުގައިވެސް ޚިޔާލުތަފާތުވުންތައް ވަނީ އުފެދިފައެވެ. ސަރުކާރުގެ ނިންމެވުންތަކަށް ޤާނޫނުހަދާ މަޖިލީހުގެ ތެރެއިން ހުރަސްއެޅޭނެތީ، ޓްރަމްޕް ވަނީ ޑިމޮކްރެޓުން ފާސްކުރާ ބިލްތައް "ވީޓޯ" ކުރައްވާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ.
