އިންޑިއާގެ ސުކޫލެއްގެ ކްލާސްރޫމަށް ވަދެ، ކީސްކުރާ ކަރަންޓު ކެހެރިން 10 ވަނަ ކްލާހުގެ ދަރިވަރަކަށް ނުރައްކާތެރި ޙަމަލާއެއް ދީފި!
އިންޑިއާގެ އާންދުރަ ޕްރަދޭޝްގެ އަނަންތަޕޫރު ޑިސްޓްރިކްޓްގައި ހުންނަ ސަރުކާރު ސުކޫލެއްގެ ކްލާސްރޫމެއްގެ ތެރޭގައި ކިޔަވައިދޭން އޮތް ގަޑިއެއްގައި، 21 އަހަރުގެ ޒުވާނަކު ވަދެ 10 ވަނަ ކްލާހުގައި ކިޔަވަމުންދިޔަ 15 އަހަރުގެ އަންހެން ދަރިވަރަކަށް ކަރަންޓު ކެހެރިއަކުން (ޗެއިންސޯ) ނުރައްކާތެރި ޙަމަލާތަކެއް ދީފިއެވެ.
މި ހާދިސާ ހިންގާފައިވަނީ ރާޕްތާޑު ސަރަޙައްދުގެ ޒިއްލާ ޕަރިޝަދު ހައިސްކޫލުގައެވެ. ހިސާބު ގަޑި ކުރިއަށްދަނިކޮށް ކްލާސްރޫމަށް ވަދެގަތް ޙަމަލާދިން މީހާ، އެ ދަރިވަރުގެ ކަންދޮޅިއަށާއި ބޮލަށާއި ބަނޑަށް ކެހެރިން ބޮޑެތި ޒަޚަމްތަކެއް ދީފައިވެއެވެ. އަދި މި ޙަމަލާއިން އެ ދަރިވަރު ސަލާމަތްކުރުމަށް މަސައްކަތްކުރި އެހެން އަންހެން ދަރިވަރަކަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
🟥🇮🇳In Andhra Pradesh India , A 21 years old boy entered a government school ar*med with a chainsaw and att*ack*ed a tenth-grade student inside her classroom, while a teacher was present. 🚨Warning graphic content. 💢The girl is currently in a critical, life-or-de*ath condition. #indiaattacks #studentattacks #india
— Sujon Ahmed 🇧🇩🇺🇸 (@SAexploring) October 31, 2026
ޙަމަލާދިނުމަށްފަހު އެ މީހާ ފިލައިގެން ދިޔަ ނަމަވެސް، ފުލުހުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގައި ކުޑައިރުކޮޅެއްގެ ތެރޭގައި އެ މީހާ ވަނީ ދަރުމާވަރަމް ރޭލު ސްޓޭޝަން ކައިރިން ހައްޔަރުކޮށްފައެވެ. ފުލުހުންގެ ފުރަތަމަ ތަޙުޤީޤުން އެނގިފައިވާ ގޮތުގައި، ޙަމަލާދިން މީހާއަކީ އަނިޔާލިބުނު ދަރިވަރާ ތިމާގެ މީހެކެވެ. އަދި އޭނާ އެ ދަރިވަރަށް އުނދަގޫކުރަމުން ދިއުމުން، އެކަން ހުއްޓާނުލައިފިނަމަ އާއިލާއަށް އަންގާނެކަމަށް ބުނެ އިންޒާރުދިނުމުން، އެކަމާ ރުޅިއައިސްގެން ޙަމަލާދިނީ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އާންދުރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އެން. ޗަންދްރަބާބޫ ނައިދޫ ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، އަނިޔާލިބުނު ދަރިވަރަށް އެންމެ މަތީ ފެންވަރުގެ ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އަމުރުކުރައްވާފައެވެ. އަދި ކުށްވެރިޔާއަށް ޤާނޫނުގައި ދެވެން އޮތް އެންމެ އިންސާފުވެރި އަދި އަދަބު ދިނުމަށް ފުލުހުންނަށް ވަނީ އަންގަވާފައެވެ.
މި ޙަމަލާއާ ގުޅިގެން ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިފައިވާއިރު، ސުކޫލުގެ ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.