އިހަވަންދޫ ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑެއް އުފައްދަނީ
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު އެކުލަވާލުމަށްޓަކައި، އެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އިހަވަންދޫ ކައުންސިލުން ހުޅުވާލައިފިއެވެ.
އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، "ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު އެކުލަވާލާ ހިންގާނެ ގޮތުގެ އުޞޫލް" އާ އެއްގޮތަށް ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިހިނގާ ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލާފައި ވާކަމަށެވެ.
ކައުންސިލަށް ލަފާދޭ ބޯޑު އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްގެ ނިންމުންތަކުގައާއި ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމާއި މީގެއިތުރުން، ޒުވާނުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކަށް ކައުންސިލް މެދުވެރިކޮށް ޙައްލު ހޯދައިދިނުމާއި، ޒުވާނުންގެ ލީޑަޝިޕް ހުނަރުތައް ތަރައްޤީކޮށް މުޖުތަމަޢަށް ފައިދާހުރި ހަރަކާތްތައް ހިންގުމަކީވެސް މި ބޯޑުގެ މުހިންމު މަޤްޞަދެއްކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު އެކުލަވާލާ ހިންގާނެ ގޮތުގެ އުޞޫލު އިހަވަންދޫ ކައުންސިލުން ފާސްކޮށްފައިވަނީ މި ދައުރުގެ 20 ވަނަ ޢާންމު ޖަލްސާގައެވެ.
މި އުޞޫލުގައިވާ ގޮތުން، ޖުމްލަ 11 މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގެ ރައީސަކީ ކައުންސިލްގެ ރައީސެވެ. އަދި ބޯޑުގެ ނައިބު ރައީސަކު ހޮވާނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި ބޯޑުގައި ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާތަކުން 2 މެންބަރުން ތިއްބަވާއިރު، ރަށުގެ ޒުވާނުންގެ ތެރެއިން ހޮވާލެވޭ ފިރިހެން 4 މެންބަރުންނާއި އަންހެން 4 މެންބަރުން ތިއްބަވާނެއެވެ. މި ބޯޑަށް މެންބަރުން ޢައްޔަންކުރާނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.
