ބޭންކް އޮފް މޯލްޑިވްސްގެ ހެޑްއޮފީސް އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަނީ
ބޭންކް އޮފް މޯލްޑިވްސްގެ އާ ހެޑް އޮފީސް އިމާރާތެއް ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ބީއެމްއެލްގެ އިއުލާނުގައި ބުނެފައިވަނީ ހުޅުމާލެ ލޮޓް ނަންބަރު 11824 ގައި އާ ހެޑް އޮފީސް އިމާރާތެއް އެޅުމަށް، އެތަން ޑިޒައިންކުރުމާއި އިމާރާތްކުރުމާއި އަދި ފައިނޭންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ އިއުލާނުގައިވާ ގޮތުން އާ އިމާރާތް އަޅަނީ 2,648.40 އަކަމީޓަރުގެ ބިމެއްގަ އެވެ.
މި އިމާރާތުގައި ބޭސްމަންޓް ލެވަލްގެ ދެ ފުލޯއާ އެކު 14 ފްލޯގެ އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހާއްސަކުރަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށާއި މުވައްޒަފުންގެ ބޭނުންތަކަށް އަދި ރީ-ޓެއިލް ކަންކަމަށެވެ.
މި އިމާރާތުގެ ތެރޭގައި މަދުވެގެން 65 ކާރު އަދި 400 ސައިކަލް ޕާކު ކުރެވޭނެ ޖާގަ ހުންނަން ޖެހޭ
12 ވަނަ ފުލޯ ޚާއްސަ ކޮށްފައިވަނީ ބަގީޗާ ޓެރަސްއެއް ގޮތުގައި
13 އަދި 14 ވަނަ ފުލޯގައި ހިމެނެނީ އެގްޒެކެޓިވް ރޫމްތައް
އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ފުރާޅުގައި ސޯލާ ފާމެއް ހަދަން ޖެހޭ މި މަޝްރޫއު ހިންގުމަށް ހޮވޭ ފަރާތަކުން މުޅި މަޝްރޫއު އެއްކޮށް ނިންމުމުގެ ޒިންމާ ނަގަން ޖެހޭނެ އެވެ.
އަދި މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހަމަޖައްސަންވާނީ އެކަމަށް ހޮވޭ ފަރާތުން އެ ބޭންކު ނޫން ބޭރުގެ ވަސީލަތްތައް މެދުވެރިކޮށް އެމެރިކާ ޑޮލަރުންނެވެ.
ބީއެމްއެލްގެ ފައިސާ ނުވަތަ ބޭންކުން ފޮރިން ކަރަންސީ ހަމަޖައްސައިދޭ ގޮތަށް ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އަދި ކޮންވެންޝަނަލް ނުވަތަ ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިން މޮޑެލްތައް ވެސް ހުށަހެޅިދާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.
މި މަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.
ހުޅުމާލެ 2 ގައި އޮންނަ ބިމެއް ލާޖައްސައިގެން ބީއެމްއެލްއަށް ބަދަލުކުރީ މިދިޔަ އަހަރު އޯގަސްޓުގަ އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ހުޅުމާލެ 2 ގައި އޮތް އެ ބިމުގެ މިލްކުވެރިކަން ބީއެމްއެލްއަށް ބަދަލުކުރީ އެ ބޭންކުގެ ނަމުގައި ހުޅުމާލެ 1 ގައި އޮތް ބިމަކާ ލާޖައްސައިގެންނެވެ. އެ ދެ ބިމަކީ ވެސް 15،800 އަކަފޫޓުގެ ދެ ބިމެވެ.