ހުޅުމާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް "މެންހެޓަން ގްރޭންޑް ހޮޓަލް" ރަސްމީކޮށް ހުޅުވައިފި
ގްރޭޓާ މާލެ ސަރަހައްދުގައި ގާއިމުކުރެވުނު އެންމެ ބޮޑު ސިޓީ ހޮޓަލް، "މެންހެޓަން ގްރޭންޑް ހޮޓަލް" ހުޅުމާލޭގައި ރަސްމީކޮށް ހުޅުވައިފިއެވެ. ކުރީގެ އެސްޓީއޯ ސިޓީ ހޮޓަލް ތަރައްގީކުރުމަށް އިމާރާތްކުރި 9 ބުރީގެ އިމާރާތުގައި ހުޅުވި މި ހޮޓަލް ރަސްމީކޮށް ހުޅުއްވައިދެއްވީ ފައިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ ހުޅުމާލޭގައި ބޭއްވުނު ހާއްސަ ހަވާގެ ކުޅިވަރުތަކާއެކުގައެވެ.
މި ހޮޓަލަކީ 162 ކޮޓަރީގެ އިތުރުން ބޭންކުއެޓް ހޯލްތަކާއި، ކޮންފަރެންސް ފެސިލިޓީތަކާއި، ސްވިމިންގް ޕޫލާއި، ޖިމް، ސްޕާ އަދި ބައިނަލްއަގުވާމީ 4 ރެސްޓޯރެންޓް ހިމެނޭހެން ފުޅާ ދާއިރާއެއްގައި ހިދުމަތް ދިނުމަށް ތައްޔާރުކުރެވިފައިވާ ތަނެކެވެ. މި ހޮޓަލް ހިންގުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ ވާރލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެސްޓީއޯއިން ކުރިން ތަރައްގީކުރަން ފެށި މި ސިޓީ ހޮޓަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އެޗްޑީސީއާއެކު ވެވުނު ބިން ބަދަލުކުރުމުގެ 20 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން މި ބިން އެޗްޑީސީގެ ދަށަށް ބަދަލުކޮށް، ސަރުކާރުން ވަނީ މި މަޝްރޫއު އަވަސްކޮށް ނިންމުމަށް އިސްކަންދީފައެވެ. މި ހޮޓަލް ހުޅުވުމާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ 12 އެއާލައިނަކާއެކު އެކޮމޮޑޭޝަން އެއްބަސްވުންތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
