ހުޅުމާލެ ފޭސް 1 ގައި ބީއެމްއެލްއިން އަޅާ 182 ހައުސިން ޔުނިޓްގެ ކޮންކްރީޓް މަސައްކަތް ފަށައިފި
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލެ ފޭސް 1 ގައި ތަރައްގީކުރާ 182 ހައުސިން ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
އެފްޑަބްލިއު ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ޔުނިޓްތަކަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މިއިން ކޮންމެ ފްލެޓެއްގެ ބޮޑުމިނުގައި 900 އަކަފޫޓު ހުންނާނެއެވެ. "ލީސް-ޓު-އޯން" މޮޑެލް (ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް) ހިންގާ މި އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ވެސް ދަނީ ފްލެޓްތައް އަޅަމުންނެވެ.

ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، މާލެ ސިޓީގައި މިވަގުތު ޖުމްލަ 3،200 އަށް ވުރެ ގިނަ ހައުސިން ޔުނިޓް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ދަނީ ހިނގަމުންނެވެ. އަދި މި ހުރިހާ މަޝްރޫއެއް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ އިތުރުން، ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އަޅާ 364 ފްލެޓްގެ ތެރެއިން އިތުރު 182 ފްލެޓެއްގެ ފައުންޑޭޝަން އަދި ކޮންކްރީޓް މަސައްކަތް ވެސް މި މަހުގެ 5 ވަނަ ދުވަހު ވަނީ ފަށާފައެވެ.
ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއުތަކުގެ ތަފްސީލު:
- ޗައިނާ މެޝިނަރީ އިންޖިނޭރިންގ ކޯޕަރޭޝަން (ސީއެމްއީސީ): 1،224 ހައުސިން ޔުނިޓް (ހުޅުމާލެ ފޭސް 2)
- ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ): 1،190 ހައުސިން ޔުނިޓް (ހުޅުމާލެ ފޭސް 2)
- އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީ: 364 ހައުސިން ޔުނިޓް (ހުޅުމާލެ ފޭސް 1)
- ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ): 300 ހައުސިން ޔުނިޓް (ވިލިމާލެ)
- އެފްޑަބްލިއު ކޮންސްޓްރަކްޝަން: 182 ހައުސިން ޔުނިޓް (ހުޅުމާލެ ފޭސް 1)

