ހެކީގެ ރައްކާތެރިކަމަށް އުނިކަމެއް ނާންނާނެހެން، ޖިނާއީ ތަހުގީގުތައް އަވަސްކުރުމަށް ސީޕީ ފުލުހުންނަށް އަންގަވައިފި
ތަހުގީގުގެ ފެންވަރަށާއި ހެކީގެ ރައްކާތެރިކަމަށް އެއްވެސް ބުރުލެއް ނާރާނެ ގޮތަށް، ޖިނާއީ މައްސަލަތަކުގެ ތަހުގީގުތައް ހަލުވިކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ފުލުހުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، ސީޕީ މިކަމަށް ބާރުއެޅުއްވީ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ އިސް އޮފިސަރުންނާއެކު އިއްޔެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި ބޭއްވެވި ހާއްސަ މަޝްވަރާ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ތަހުގީގީ ދާއިރާގެ ގާބިލުކަން އިތުރުކޮށް، މަސައްކަތުގެ ދުވެލި ހަލުވިކުރުމުގެ އިތުރުން، ފުލުހުންގެ ހިދުމަތް ހޯދާ ފަރާތްތަކާއި ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ އަހުމަދު މުހައްމަދު ވިދާޅުވީ، އަވަސް އަދި ފުރިހަމަ ތަހުގީގުތަކެއް ކުރިއަށް ގެންދިއުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް މަދުކުރުމަށާއި، ތަހުގީގީ އެހެނިހެން އިދާރާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމަނިކުފާނު އިރުޝާދު ދެއްވި އެވެ. އަދި ތަހުގީގުތަކުގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީ އާއި އިންޓެލިޖެންސްގެ އިތުރުން ފައިނޭންޝަލް އެނަލިޓިކްސްގެ ބޭނުން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ހިފުމަށް ވެސް ސީޕީ އެދިވަޑައިގަތެވެ.
މީގެ އިތުރުން، ފުލުހުންގެ މުއައްސަސާއަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި، މައްސަލަ ހުށަހަޅާ ފަރާތްތަކަށާއި އަނިޔާ ލިބޭ މީހުންނަށް ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ގަވާއިދުން ހިއްސާކުރުމުގެ މުހިންމުކަން ސީޕީ ފާހަގަކުރެއްވި އެވެ. އަދި ތަހުގީގުގެ ކޮންމެ މަރުހަލާއެއްގައި ވެސް އަނިޔާ ލިބޭ ފަރާތްތަކާ މުއާމަލާތްކުރުމުގައި އޯގާތެރިކަމާއި އިހުތިރާމް އިސްކުރުމަށާއި، މަސައްކަތުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.
ބައްދަލުވުން ނިންމަވާލައްވަމުން ސީޕީ ވަނީ، ތަހުގީގުތައް ހިނގާ ނުހިނގާ ގޮތް އިސްވެރިން ގާތުން ބައްލަވައި، އިންވެސްޓިގޭޝަން އޮފިސަރުންނަށް ބޭނުންވާ ފަންނީ އިރުޝާދު ދެއްވުމަށް އަންގަވާފަ އެވެ. އަދި ފުލުހުންގެ ހިދުމަތުގެ ކޮންމެ ފަންތިއެއްގައި ވެސް ޒިންމާދާރުވެ، ޖަވާބުދާރީވުމުގެ ސަގާފަތް އަށަގެންނެވުމަށް އެމަނިކުފާނު ބާރުއެޅުއްވި އެވެ.
