ގޭގައި ގެންގުޅޭ ގަސްތަކަށް ޚާއްޞަ "އެނދުމަތިކޮށްގެން ފަރުވާދޭ ހޮސްޕިޓަލެއް" ސްކޮޓްލޭންޑްގައި ހުޅުވައިފި
ސްކޮޓްލޭންޑްގެ އެޑިންބަރާގައި ގަސްގަހާގެއްޔަށް ލޯބިކުރާ ފަރާތްތަކުގެ ސަމާލުކަން އަތުލާފައިވާ ޚާއްޞަ ތަނެއް ވަނީ ހުޅުވާފައެވެ. "ހިލްޑާ ހައުސްޕްލާންޓް ހޮސްޕިޓަލް" ގެ ނަމުގައި ހިންގާ މި ތަނަކީ ބަލިވެ، ހަލާކުވާން ކައިރިވެފައިވާ ގޭތެރޭގައި އިންދާ ގަސްތަކަށް އިންސާނުންނެކޭ އެއްފަދައިން ފަރުވާދީ، އަލުން ދިރުން ދިނުމަށް ޚާއްޞަކޮށްގެން ހަދާފައިވާ ތަނެކެވެ.
މި ހޮސްޕިޓަލަށް ގަހެއް ގެންދިއުމުން އެންމެ ފުރަތަމަ ކުރިއަށްދަނީ ބަލި ދެނެގަތުމުގެ "ޑައިގްނޯސިސް" މަރުޙަލާއެވެ. ގަހުގެ ފަތްތަކަށް ޖެހިފައިވާ ބައްޔާއި، ކެއުމާއި ފެންލިބޭ މިންވަރު ބެލުމަށްފަހު ފަރުވާގެ ކަންކަން ރާވައެވެ. ސޫފާސޫފި އަޅައިގެން ބަލިވެފައިވާ ގަސްތައް އެހެން ގަސްތަކާ ވަކިކޮށް "ކަރަންޓީނު" ކުރާއިރު، ބައެއް ގަސްތަކަށް ކާނާ ދިނުމަށް "ޑްރިޕް" ގުޅައި އަދި ގަހުގެ މަރުވެފައިވާ ބައިތައް ކަނޑައި، މޫތައް މަރާމާތުކުރުމަށް "ސާޖަރީ" ވެސް ހަދައެވެ.
މީގެއިތުރުން، ބޮޑެތި ފަރުވާތަކަށް ބޭނުންވާ ގަސްތައް ހޮސްޕިޓަލުގައި "އެނދުމަތިކޮށްގެން" (އެތަނުގައި ބަހައްޓައިގެން) ހަފްތާއަކަށްވުރެ ދިގު މުއްދަތަކަށް ބަލަހައްޓައެވެ. މި މުއްދަތުގެ ތެރޭގައި ގަހުގެ ވެރިފަރާތަށް ގަހުގެ ހާލަތު ރަނގަޅުވަމުންދާ މިންވަރުގެ އަދާހަމަ (އަޕްޑޭޓް) ފޮނުވައިދެއެވެ. ގަސް މުޅިން ރަނގަޅުވުމުން، ކުރިއަށް އޮތް ތަނުގައި ގަސް ބަލަހައްޓާނެ ގޮތުގެ އިރުޝާދު ކާޑަކާއެކު ވެރިފަރާތާ ހަވާލުކުރެއެވެ.
މި ހޮސްޕިޓަލުގެ އުފެއްދުންތެރިން ބުނާ ގޮތުގައި، މިއީ ހަމައެކަނި ގަސް މަރާމާތުކުރުމެއް ނޫނެވެ. މިއީ ގޭތެރޭގެ އަލިކަމާއި، ގަސްތަކާމެދު އޮންނަ ގުޅުން ދަމަހައްޓައި، އާންމުން ގަސްތަކަށް ކުރާ ލޯބި އިތުރުކުރުމަށް ފެށި ނުހަނު ކާމިޔާބު މަސައްކަތެކެވެ.
